އިބްރާހިމް އަޝްރަފް ހ. ރޭ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގައި ހުންނެވީ އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގަ އެވެ. އެއީ ސިޔާސީ ވަޒީފާއެއް ނަމަވެސް، އެ މަގާމު އަޝްރަފްއަށް ލިބިވަޑައިގެންނެވީ 'ސިޔާސީ ގޮތަކުން' ނޫނެވެ. އަޝްރަފް 1987ގައި އިމިގްރޭޝަންގެ ވަޒީފާއަށް ވަދެވަދައިގެންނެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގަ އެވެ. ހަރުފަތަކަށް ފަހު ހަރުފަތަކުން އަޝްރަފް އެ މުއައްސަސާގެ އެންމެ އިސް އެއް މަގާމާ ހަމައަށް ވަޑައިގަތީ މެދުނުކެނޑި އެތައް އަހަރެއް ވަންދެން ކުރެއްވި އިހްލާސްތެރި އަދި ބުރަ މަސައްކަތުންނެވެ.
އިމިގްރޭޝަންގައި ޖުމްލަ 36 އަހަރު ހޭދަކުރެއްވުމަށް ފަހު، ތަޖުރިބާ އާއި ސާފު ރިކޯޑަކާ އެކު މިހާރު އޭނާ ފައިނަންގަވައިގެން އެ ހުންނެވީ ސިޔާސީ ދާއިރާއަށެވެ. ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ދާއިރާއިން ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި އަޝްރަފް ސިޔާސީ ދާއިރާއަށް ނުކުންނަވައި އަޅުއްވާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވާދަ ކުރައްވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާ މާލޭ ސިޓީ ކައުންސިލްގައި ތަމްސީލްކުރާނޭ ކައުންސިލަރަކަށެވެ. އެކަން ކުރުމަށްޓަކައި، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް އޭނާ ވަނީ ކުރިމަތިލައްވާފަ އެވެ.
އެކަމަށް އޭނާ ކުރިމަތިލެއްވި ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ އޭނާގެ ބޮޑު ތަސައްވުރަކީ ކޮބައި ހެއްޔެވެ؟ މިއީ އަޝްރަފް އެ ސުވާލުތަކަށް ދެއްވި ޖަވާބުތަކެވެ. އޭނާ ހުންނެވީ ނުހަނު އަޒުމުގައި ކެރިގެންނެވެ.
ސުވާލު: އަޝްރަފްއަކީ ކާކު؟
ޖަވާބު: އިމިގްރޭޝަންގައި 1987 ވަނަ އަހަރު އެންމެ ޖޫނިއާ އޮފިސަރެއްގެ މަގާމުން ފެށިގެން، އެތަނުގައި އަޅުގަނޑު އަދާ ނުކުރާ ރޭންކެއް ނޯންނާނެ. ދައުލަތަށް ގިނަ ހިދުމަތްތަކެއް މި ދިގު މުއްދަތުގައި ކުރެވިއްޖެ، އިމިގްރޭޝަންގެ ވަޒީފާގައި ހުރެގެންް. އޭރު އެ ވަޒީފާއަށް ވަތްއިރު، ވަރަށް އާދައިގެ ގޮތަކަށް ރާއްޖޭގެ ވައިގެބަނދަރުގެ މަސައްކަތްތަކާ އެއްޗިހި ހުރީ.
އެ މަސައްކަތުގެ ތެރެއިން ޕާސްޕޯޓް އަދި ޑޮކިއުމެންޓޭޝަންގެ އެކްސްޕާޓަކަށްވި. ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކޮންސެޕްޓް ރާއްޖެއަށް ތައާރަފްކޮށް، އެކަމާ ގުޅޭ ގާނޫނުތައް ވުޖޫދު ކުރުމުގައި އެންމެ އިސް އެކެއްގެ ރޯލް އަޅުގަނޑު އަދާ ކުރިން. އަދި ފަހުން ހެދި ރާއްޖޭގެ އީ-ޕާސްޕޯޓުގެ ހުރިހާ ސެކިއުރިޓީ ފީޗާސްތަކާއި އޭގެ ކޮންސެޕްޓް ޑިޒައިން ފަރުމާކުރުމުގައި އެންމެ އިސް ރޯލެއް އަދާ ކުރި އެކަކު އަޅުގަނޑަކީ. އޭގެ އިތުރުން އިމިގްރޭޝަންގެ ފުރަތަމަ ގާނޫނު ވުޖޫދަށް ގެނައުމުގައި އެކަމުގައި ހެދި ދިރާސާތަކުގައި ވެސް އަޅުގަނޑު ބައިވެރިވިން. އަދި ސީ-ޕޯޓުގެ ކަންކަމާ ގުޅޭ ގަވައިދުތައް ހެދުމުގައި ވެސް އުޅުނިން.
ހިއުމަން ޓްރެފިކިންނާއި ހިއުމަން ސްމަގްލިން އަދި ބިދޭސީންނާ ގުޅޭ އެކިއެކި ކަންކަމުގައި އަޅުގަނޑު ވާނީ މި ރީޖަނަލް ފެންވަރުގައި ވެސް މަސައްކަތްކޮށްފައި.
އަޅުގަނޑަކީ ކުޅިވަރުގެ ވެސް މީހެއް. ކްލަބް މޯލްޑިވްސްގެ ފައުންޑިންގެ މެންބަރެއްގެ އިތުރުން، އެ ތަނުގެ ނައިބު ރައީސްގެ މަގާމު އަޅުގަނޑު މި ދަނީ ފުރަމުން. ޒުވާން އުމުރުގައި ކުޅިވަރު ކުޅެ، މި ދާއިރާއަށް މީހުން ނެރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިން. ނިއު ރޭޑިއަންޓް އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އަޅުގަނޑު ކުޅުނިން.
ސުވާލު: ކައުންސިލަރު ކަމަށް ކުރިމަތިލަނީ ކީއްވެ؟
ޖަވާބު: އަޅުގަނޑުގެ ހުރި އިލްމާއި ތަޖުރިބާގެ އަލީގައި ސިޔާސީ ދާއިރާއަށް މި ނުކުންނަނީ. އަޅުގަނޑުގެ 36 އަހަރުގެ ތަޖުރިބާގެ އަލީގައި ސިޓީ ކައުންސިލަށް މި ނުކުންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. ކައުންސިލް ތެރެއިން އަޅުގަނޑު ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި. އެގޮތުގެ މަތިން އަޅުގަނޑުގެ އަމިއްލަ ދާއިރާ، މެދު ހެންވޭރަށް ކުރިމަތިލާން ނިންމީ.
ރާއްޖޭގެ ގާނޫނަކުން އެންމެ ގިނަ ބާރުތައް ލިބިފައި އޮތް އެއް މުއައްސަސާއަކީ ސިޓީ ކައުންސިލް. ކައުންސިލް ތެރެއިން ހަރުދަނާ ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ލިބިފައި ހުރި ތަޖުރިބާގައި އެކަންކަން އަޅުގަނޑަށް ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް.
އަޅުގަނޑަކީ މާލެއަށް އުފަން، މާލޭ މީހެއް. އަޅުގަނޑުމެންނަކީ މިތަނުގައި އުޅެ ބޮޑުވީ މަގުމަތީ ބޯޅަ ކުޅެގެން. އެކަމަކު މިހާރު މާލެ ވެފައި މިއޮތީ ދިރިއުޅެން ހެޔޮވާ ވަރު ތަނަކަށް ނޫން. މިއަދު ވިހާ ކުދިންނަށް އޮތީ 10 ފޫޓް، 10 ފޫޓް ކޮޓަރިގަނޑެއް ތެރޭ ގަނެތެޅުން. ޕަބްލިކް ސްޕޭސްއެއް ނެތް. އަޅުގަނޑުމެން އޭރު އުޅުނު އުފާވެރި ދިިރިއުޅުން އަޅުގަނޑުމެންނަށް ހޯދައިދޭން އެބަ ޖެހޭ. އެއީ އަޅުގަނޑު ކައުންސިލަރެއްގެ ގޮތުގައި އެންމެ އިސްކަން ދޭނެ އެއް ކަންތައް.
ސުވާލު: އަޝްރަފްއަށް ވޯޓު ދޭންވީ ކީއްވެ؟
ޖަވާބު: އަޅުގަނޑު ދައުލަތައް ހިދުމަތް ކުރުމުގެ ތެރޭ ލިބުނު ތަޖުރިބާ އެއީ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑަކީ މީހުން ދެނެގަނެ، މީހުންނާ އެކު މަސައްކަތް ކުރަން އެނގޭ މީހެއް. މީހުން އުޅޭ ހާލަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. މީހުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި އެކަންކަން ތަންފީޒުކޮށްފައި ހުރި މީހެއް އަޅުގަނޑަކީ. ކައުންސިލަރެއްގެ ގޮތުގައި އެ ޒިންމާ މާ ރަނގަޅަށް އަޅުގަނޑަށް އަދާ ކުރެވޭނެ.
އަޅުގަނޑުގެ އިމިގްރޭޝަން ކެރިއަރު ނިންމާލީ ނަޒާހަތްތެރި މީހެއްގެ ގޮތުގައި. އަޅުގަނޑުގެ ވައްކަމެއް، ކޮރަޕްޝަނެއް، ހިޔާނާތެއް ނޯންނާނެ. ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ދެން ވެސް ހުންނާނަން.
ސުވާލު: އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަނީ ކީއްވެ؟
ޖަވާބު: އަޅުގަނޑަކީ އެމްޑީޕީގެ ސިޔާސަތު ގަބޫލު ކުރާ މީހެއް. ޕާޓީން މިއަދާ ހަމައަށް ގެނެސްދީފައި ހުރީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކެއް. ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުވީ މި ޕާޓީން. މިހާރު ބައެއްގެ ނާގާބިލުކަމުގެ ސަބަބުން ބޭސް ލިބުން ދަތިވިޔަސް. އޭގެ އިތުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދޭން ފެއްޓީ މި ޕާޓީން. ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގޫޅާލަދިން. މިނިމަމް ވޭޖް ކަނޑައެޅި. މިއީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ސިޔާސަތުތަކެއް. މިކަހަލަ ސިޔާސަތުތައް ރަނގަޅުވުމުން އެމްޑީޕީން މި ކުރިމަތިލަނީ.
ސުވާލު: އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެގެން ޕާޓީީ ބަދަލުކޮށްފާނަންތަ؟
ޖަވާބު: މިއަދާ ހަމައަށް ވެސް އަޅުގަނޑު ފައިސާއަށް ކަމެއް ކުރި ކަމަށް ބުނާނެ މީހަކު ރާއްޖޭގައި ނުހުންނާނެ. އަޅުގަނޑަކީ ވިކޭނެ މީހެއް ނޫން، ގަނެވޭނެ މީހެއް ނޫން. ޕްރައިމަރީން އަޅުގަނޑު ހޮވިއްޖެ ނަމަ، ދެމިހުންނާނީ މި ޕާޓީގައި. އެމްޑީޕީ ދޫކޮށްފައި އަޅުގަނޑު ނުދާނެ. އެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް ވެސް އޮންނާނެ.
އަޅުގަނޑުގެ ކެންޑިޑޭޓު ނަންބަރަކީ 3. އެންމެ ބޭފުޅުން ހުކުރު ދުވަހު އޮންނަ ޕްރައިމަރީގައި އަޅުގަނޑަށް ވޯޓު ދެއްވާ. ތިޔަ ބޭފުޅުން މާޔޫސްވިޔަ ނުދޭނަން.
އެޑިޓަރުގެ ނޯޓް: މިއީ ކައުންސިލް އިންތިހާބަށް 'ދައުރު'ން ކެންޑިޑޭޓުންނަށް ވިއްކާ ޕެކޭޖްތަކުގެ ތެރެއިން ގެނެސްދީފައިވާ އެޑްވަޓޯރިއަލް ލިޔުމެކެވެ.
އަޝްރަފް މެދު ހެންވޭރަށް މި ނުކުންނަނީ 36 އަހަރުގެ ތަޖުރިބާ އާއި ސާފު ރިކޯޑަކާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ