ތ. ވިލުފުށީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށް ނިންމާފައި ހުރި 100 ހައުސިން ޔުނިޓް ދޫކުރާ އުސޫލު އާއްމުކޮށް، އެ ތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އިއްޔެ ހުޅުވައިލިއިރު، އެ ގެތަކުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އަދިވެސް ނުފުއްދޭކަން އެނގިއްޖެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލުފުށްޓަށް ކުރެއްވި ދަތުރުގައި މުއިއްޒު ވިދާޅުވެފައިވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން އެ ގެތަކުގެ ކަރަންޓާއި ފެނާ އަދި ނަރުދަމާ ގުޅުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
"އެންމެ ލަސްވެގެން މި އަހަރު [2025] ނިމެންވާއިރަށް، ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި، އެކަން ކޮށް ނިންމައިދޭނަން އިރާދަކުރެއްވިއްޔާ," ސެޕްޓެމްބަރު 23، 2025 ގައި މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ލާސްޓް ޑޭޓު އެއީ."
ނަމަވެސް، 2026 ވަނަ އަހަރު ފެށިގެން ދިޔައިރުވެސް އެ މަސައްކަތް އަމަލީ ގޮތުން ފެށިފައެއް ނުވެ އެވެ. މިކަން މިހާ ބޮޑަށް ލަސްވަމުންދާ ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއް ގައިވާ ގޮތުން، ވިލުފުށީ ގެތަކަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރިލް 11 އާ ހަމައަށް އޮންނާނެ އެވެ. ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ އޭޕްރީލް 4 ގަ އެވެ.
"މިއީ އިންތިހާބަށް ކުރާ ކަމެއް. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް ގާތްގަނޑަކަށް ނިމިފައި ހުރި ގެތަކުގެ އަސާސީ ހިދުމަތްތައް ގުޅާނުލެވި ދެ އަހަރު ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދިވެސް އެކަމުގައި އެއްވެސް ކަމެއް ނުވެސް ފަށާ،" ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ގެތަކަށް ކުރިމަތިލުމުގެ މުއްދަތު އޭޕްރީލް 11 ގެ މުއްދަތު ހަމަވާއިރު، އިންތިހާބަށް ފަހު އެތަންތަން ހަވާލުކުރުމަށް ދެން ނަގާނެ މުއްދަތެއް ވެސް ނޭނގޭ."
ވިލުފުށީގައި އިމާރާތްކޮށްފައިވާ ގެތައް
ވިލުފުށީ އިމާރާތްކޮށްފައިވާ 3 ކޮޓަރީގެ މި ގެތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން، އެ ރަށުގައި ދިރިއުޅޭތާ 10 އަހަރު ވެފައިވާ ފަރާތްތަކަށެވެ. ގެތައް ލިބޭ 100 ފަރާތް ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.
އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ޕޮއިންޓް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގިނަ ދަރިން ތިބި އާއިލާތަކަށެވެ.
އިމާރާތްކޮށް ނިމިފައިވާ 100 ގެ ހަވާލުކުރުމުގެ އިތުރުން މި އަހަރު އިތުރު 100 ގެ އިމާރާތްކޮށް ދިނުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
2025 ގައި ނިންމަން ވައުދުވި ވިލުފުށީ ގެތަކުގެ އަސާސީ ހިދުމަތްތައް ގުޅުމުގެ މަސައްކަތް ނުވެސް ފަށާ 2025 ގައި ނިންމަން ވައުދުވި ވިލުފުށީ ގެތަކުގެ އަސާސީ ހިދުމަތްތައް ގުޅުމުގެ މަސައްކަތް ނުވެސް ފަށާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ