އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 500އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން އިއްޔެ ބުނެފި އެވެ.
އެއާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ ނުފޫޒު ފޯރުވާ ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
މިއީ 2022 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ ލީޑާޝިޕާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަމަށް ވަނީ ސިިފަކޮށްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި ނަމަ، އެކަމުގައި ބައިވެރިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.
އީރާނުގެ އެތެރޭގެ އަދި ބޭރު އެކްޓިވިސްޓުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 490 މީހަކު އަދި ސަލާމަތީ ބާރުތަކުގެ ތެރެއިން 48 މީހަކު ވަނީ މަރުވެފަ އެވެ. ދެ ހަފުތާއަށް ދެމިގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 10،600އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނަމަވެސް މަރުވި މީހުންގެ ރަސްމީ އަދަދެއް އީރާނުން އަދި ހާމައެއް ނުކުރެ އެވެ.
އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވީ އީރާނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ އިސް މުޝީރުންނާ ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ކަންކަމުގެ ތެރޭގައި އަސްކަރީ ހަމަލާތަކާއި ސިއްރު ސައިބާ ހަތިޔާރު ބޭނުންކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި އީރާން ސަރުކާރާ ދެކޮޅު ޖަމާއަތްތަކަށް އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ އީރާނުގެ އިދިކޮޅު ލީޑަރުންނާ ގުޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި އީރާނުގެ ލީޑަރުން ހޮނިހިރު ދުވަހު އޭނާއަށް ގުޅުއްވި ކަމަށާއި މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެ މީހުންނާ ވާހަކަ ދައްކަވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން ޓްރަމްޕާ މަޝްވަރާ ކުރައްވަން ބޭނުންވަނީ ކޮންކޮން ލީޑަރުންނަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާކަރު ގާލިބާފް ވަނީ އެމެރިކާއަށް އިންޒާރު ދެއްވައި އޮޅިގެން ނޫޅުމަށް ވިދާޅުވެ، އިންޒާރު ދެއްވައިފަ އެވެ.
"އީރާނަށް ހަމަލާއެއް ދީފި ނަމަ، އިޒްރޭލާއި އެމެރިކާގެ ހުރިހާ ބޭސްތަކާއި އުޅަނދުތަކީ އަޅުގަނޑުމެންގެ އަމާޒުފަތްގަނޑަށް ހަދާނަން،" ގާލިބާފް ވިދާޅުވި އެވެ.
މިފަހަރުގެ މުޒާހަރާތައް 28 ޑިސެމްބަރުގައި ފަށާފައި މި ވަނީ ތަކެތީގެ އަގުތައް މައްޗަށްދާ މައްސަލައާ ގުޅިގެންނެވެ. އަދި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ވެރިކަމުގައި ތިއްބެވި ވެރިންނާ ދެކޮޅަށް އެ މީހުން ވަނީ އަޑުއުފުލައިފަ އެވެ.
އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެމެރިކާ އާއި އިޒްރޭލުން ހިންގާ ޓެރަރިސްޓް އަމަލުތައް ކުށްވެރިކޮށް މިއަދު މުޅި ގައުމުގައި ސުލްހައިގެ އެއްވުމެއް ބޭއްވުމަށް ގޮވާލައިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީރާންގައި އިންޓަނެޓް ކަނޑާލާފައިވާތީ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ބުރޫ އަރާފަ އެވެ. އަދި ޓްރަމްޕް ވަނީ ސްޓާލިންކް ސެޓެލައިޓް މެދުވެރިކޮށް އީރާނުގައި އިންޓަނެޓްގެ ހިދުމަތް އަލުން އިއާދަ ކުރުމާ ބެހޭ ގޮތުން އީލޮން މަސްކްއާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ