ކުރިމަތިވި ފާޑުކިޔުންތަކާ އެކު ވެސް ޕްރަބާސްގެ ފިލްމު 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފި
އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ޕްރަބާސްގެ ފިލްމު "ދަ ރާޖާ ސާބް"އަށް ބައެއް ފިލްމު ކްރިޓިކުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާ އެކު ވެސް ރިލީޒްކުރިތާ އެއް ދުވަސްތެރޭ ފިލްމަށް 100 ކްރޯޑު ރުޕީސްގެ އާމްދަނީ ލިބިއްޖެއެވެ. އެންމެ ދުވަހެއްގެތެރޭ ލިބުނު އާމްދަނީއާ އެކު 100 ކްރޯޑު ކްލަބުން "ދަ ރާޖާ ސާބް" ޖާގަ ހޯދުމަށްފަހު ޕްރަބާސް ސާބިތުކޮށްދިނީ އޭނާ އަކީ އިންޑިއާގެ ސިނަމާގެ އަގުބޮޑު ފިލްމީ ތަރިންގެތެރޭ ހިމެނޭ އެކްޓަރެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު ކްރިޓިކުންގެ ބައެއް ފަރާތްތަކުން ޕްރަބާސްގެ ހޮރޯ ކޮމެޑީ ފިލްމަށް މަސްސުނި ފާޑުކިޔުންތަކެއް ރައްދުކުރި ނަމަވެސް އެ ފާޑުކިޔުންތަކުގެ ކުރިމަތީގައި ބެލުންތެރިން ކުރި އިންސާފު މާ ވަރުގަދަ ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ. އޭގެއިން ދައްކުވައިދިނީ ފިލްމެއްގެ ކާމިޔާބީ ބަރޯސާވަނީ އޯޑިއަންސުން ދޭ ތަރުހީބުގެ މައްޗަށް ކަމަށާއި ފިލްމު ކްރިޓިކަށް ވުރެ އޯޑިއަންސްގެ ބަހުގެ ބާރުގަދަކަން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ފިލްމު "ދަ ރާޖާ ސާބް"ގެ މަންޒަރެއްގައި ސަންޖޭ ދަތު--ފޮޓޯ/އެމްއެސްއެން މި ފިލްމަކީ މި ފެށުނު 2026ގައި ރިލީޒްކުރި ފިލްމުތަކުގެތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. ފިލްމު "ދަ ރާޖާ ސާބް"އަށް ލިބެމުން އަންނަ ތަރުހީބާ އެކު މިހާރު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު "ދުރަންދަރު"ގެ ވިޔަފާރި ދަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވާފައި އޮންނަތާ 1 މަސްވެފައިވާއިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 1200 ކްރޯޑު ރުޕީސްއަށް އަރައެވެ. ތެލުގޫ ޑައިރެކްޓަރު މަރޫތީގެ ފިލްމު "ދަ ރާޖާ ސާބް"ގެ ކާސްޓުންގެތެރޭ ނިދީ އަގަރްވާލް، މަލަވިކާ މޯހަނަން، ރިދީ ކުމާރު، ޒަރީނާ ވައްހާބް އަދި ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ހިމެނެއެވެ. މި ފިލްމަށް 24 ގަޑިއިރުތެރޭ 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ފިލްމު އުފައްދާފައި ވަނީ 450 ކްރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ