ނެސްލޭގެ ތުއްތު ކުދިންގެ ބައެއް އުފެއްދުންތައް ބާޒާރުން ނަގަން ނިންމައިފި ނެސްލޭގެ ތުއްތު ކުދިންގެ ބައެއް އުފެއްދުންތައް ބާޒާރުން ނަގަން ނިންމައިފި

ދުނިޔޭގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ކުންފުނި، ނެސްލޭ އިން އުފައްދާ ތުއްތު ކުދިންގެ ކިރުގެ ބައެއް ބާވަތްތަކުގައި ކާނާ ވިހަވުމަށް މެދުވެރިވާ މާއްދާއެއް ހުރެދާނެ ކަމުގެ ބިރު އޮތުމުން، އެ ބާވަތްތައް މުޅި ދުނިޔޭގެ ބާޒާރުން ނެގުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ނެސްލޭއިން ބުނި ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ އެ ކުންފުނީގެ ނިދާލް، ގިގޯ، އެސްއެމްއެ، ބެބާ އަދި އަލްފަމީނޯ ފަދަ ބްރޭންޑްތަކުގެ ވަކި ބެޗްތަކަކަށެވެ.
މި ކިރުގެ ބައެއް ބެޗްތަކުގައި "ސީރިއުލައިޑް" ކިޔާ ވިހަ މާއްދާއެއް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށާއި، މިއީ ހޮޑުލުމާއި، މޭނުބައިކުރުމާއި، ބަނޑުގައި ރިއްސުން ފަދަ ކާނާ ވިހަވުމުގެ އަލާމާތްތައް ވަރަށް އަވަހަށް މެދުވެރިކުރުވާ މާއްދާއެކެވެ.
މި މައްސަލައާ ގުޅިގެން ނެސްލޭއިން ބުނީ، މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "އިސްވެ" ނިންމި ނިންމުމެއް ކަމަށާއި، މިހާތަނަށް އެއްވެސް ކުއްޖަކު ބަލިވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލަ ދިމާވީ އެ ކުންފުންޏަށް ސަޕްލަޔަރަކު ފޯރުކޮށްދިން އިންގްރީޑިއަންޓެއްގެ ސަބަބުން ކަމަށާއި، މިކަމުގެ ސަބަބުން ބެލެނިވެރިންނަށް ކުރިމަތިވެދާނެ ކަންބޮޑުވުންތަކަށް ނުހަނު ބޮޑަށް މައާފަށް އެދޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ޔޫކޭގެ ފުޑް ސްޓޭންޑަރޑްސް އެޖެންސީ އިން އިންޒާރު ދޭ ގޮތުގައި، މި ވިހަ މާއްދާއަކީ ފެން ކެއްކުމުން ނުވަތަ ކިރު ގިރުވާއިރު ހޫނު ކުރުމުންވެސް ނެތިގެންދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން، ބެލެނިވެރިން ކިރު ދަޅު ނުވަތަ ފޮށީގެ ފުލުގައި އިންނަ ބެޗް ނަންބަރު ޗެކްކުރުމަށާއި، ރިކޯލްކޮށްފައިވާ ބެޗެއްގެ ކިރު އެއްވެސް ވަރަކަށް ކުދިންނަށް ނުދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަސަރުކޮށްފައިވާ ކަމަށް ބެލެވެ ބެޗްތަކުގެ މައުލޫމާތު ނެސްލޭގެ ވެބްސައިޓުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އާންމުކުރަމުންނެވެ. އަދި މައްސަލަ ހުރި ކިރު ގަނެފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދޭނެ ކަމުގެ ޔަގީންކަންވެސް ނެސްލޭއިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ