ކ. ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވި ގޮތުގައި، ތައުލީމާއި ސްކޫލުގެ ކަންކަމަށް އެހީތެރިވުމަކީ، އެ ކައުންސިލުން އެންމެ އިސްކަމެއް ދޭ އެއްކަމެވެ. މި ވޭތުވެ ދިޔަ އަހަރުތަކުގައި އެކަން ގުރައިދޫ ކައުންސިލުން ވަނީ ސާބިތުކޮށްދީފަ އެވެ.
އެންމެ މޮޅެތި ދަރިވަރުންނަށް ސްކޮލަޝިޕްތައް ދެ އެވެ. މީގެ ފަސް އަހަރު ކުރިން، ރާއްޖެއިން މަދުން ނޫނީ ފެންނަވަރުގެ ރީތި ލައިބްރަރީއެއް ގާއިމްކޮށްދިނެވެ. އަދި ދިރާސީ އާ އަހަރު ފެށުމާއެކު ޓީޗަރުންނަށް ދިން އާ ސްޓާފްރޫމަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.
ކައުންސިލްގެ ބަޖެޓުން 7-8 ލައްކަ ރުފިޔާ ހަދިޔާކޮށްގެން އެޅި މި ތަނުގެ ފެންވަރު ރަނގަޅުވެފައި، އާދަޔާހިލާފަށް ރީއްޗެވެ. ކުރިން ހުރި ޖާގައިގެ ގޮތުން ކުޑަ އަދި އާދައިގެ ތަނުގެ ބަދަލުގައި އާ ސްޓާފް ރޫމް ހަދާފައި ހުރީ ކޮންމެ ޓީޗަރަކު ވެސް އެތަނުގައި އިނދެ، ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށެވެ.
ގޮނޑިތައް ރީތިވެފައި ފަސޭހަ އެވެ. ކޮންމެ ޓީޗަރަކަށް ވަކި މޭޒެއް ދީފައި ހުންނަނީ، ލެޕްޓޮޕާއި ފޯނު ފަދަ ވަސީލަތް ޗާޖު ކުރެވޭނެ ފަދަ ގޮތަކަށެވެ. ލީޑިން ޓީޗަރުންނާއި ޕްރިންސިޕަލަށް ވަކި ކެބިންއެއް ހުންނައިރު، އެތަނުގެ ތެރޭގައި ގަސްމުށިތައް ބަހައްޓައި ފެހިކޮށްފައި ވެ އެވެ. އެ ކެބިންތައް ހަދާފައި ހުންނަނީ، ވަށައިގެން ބިއްލޫރި ޖަހައި، އެހެން ޓީޗަރުން ފެންނާނެ ގޮތަށެވެ. ބޭނުންކޮށްފައިވާ އޮރެންޖާއި ހުދުކުލައިން މުޅި ތަނަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެ އެވެ. ތަނުގެ މުޅި އިންޓީރިއާ ވެސް ވަރަށް ފުރިހަމަ އެވެ.
"އަޅުގަނޑުމެން ބަލައިގަންނަން ޓީޗަރުން ކުރާ ބުރަ މަސައްކަތް. އެހެންވެ، ބޭނުންވީ ޓީޗަރުން ހިތްހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ފަދަ ތަނެއް ހަދިޔާ ކުރަން،" ޝަލީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގެ މަސައްކަތް ކުރާތާ ހަތަރުވަރަކަށް މަސްވި އިރު، ޓީޗަރުންނަށް އެކަންކަން ފެންނާނެ ކަމަށެވެ. އެކަމަކު މަސައްކަތުގެ ފަހުބައި، ބޮޑު ސްކޫލުގެ ޗުއްޓީގެ ތެރޭގައި ނިންމާލާފައިވާތީ، ޗުއްޓީ ނިންމައި ސްކޫލަށް ނުކުތް ޓީޗަރުންނަށް ފެނުނު މަންޒަރުން އެންމެން ވެސް ވަރަށް ހައިރާންވި ކަމަށް ވިދާޅުވި އެވެ.
"ހުރިހާ ޓީޗަރުންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަން. އަޅުގަނޑުމެން ބުނިން އެއީ ޓީޗަރުންގެ އަގުވަޒަންކޮށް، އެ މީހުން ކޮށްދޭ ބުރަ މަސައްކަތަށް ދިން ހަދިޔާއެއް ކަމަށް،" ޝަލީޒް ވިދާޅުވި އެވެ.
ގުރައިދޫ ކައުންސިލާއި ރަށުގެ ސްކޫލާ ދެމެދު އޮންނަނީ ގާތްގުޅުމެކެވެ. ދަރިވަރުންނަށް ފަސޭހަކޮށްދީ، މޮޅެތި ކުދިންތަކެއް އުފެއްދުމަށް ކައުންސިލުން ދޭ އެއްބާރުލުން ބޮޑެވެ. މުޅި ސްކޫލު އޭސީކޮށް، ކަރަންޓު ވިއުގަ އާކޮށްދީފައި ވަނީ ވެސް ކައުންސިލްގެ ހަރަދުގަ އެވެ. އޭގެ އިތުރުން، ކޮންމެ އަހަރަކު އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވާ ކުއްޖާ، ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ކައުންސިލުން ވަނީ ފަހިކޮށްދީފަ އެވެ. ކައުންސިލްގެ ހަރަދުގައި އެ ފަދަ ދަރިވަރެއް މިހާރު ވެސް އަންނަނީ ރަޝިއާގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ.
ގުރައިދޫ ކައުންސިލުން ޓީޗަރުންނަށް ދިން މި ހަދިޔާއަށް ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ