ކެންޑިޑޭޓުންގެ ނަން ނެގުވުމަށް ސަރުކާރުން ދަނީ ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުން: އެމްޑީޕީ ކެންޑިޑޭޓުންގެ ނަން ނެގުވުމަށް ސަރުކާރުން ދަނީ ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުން: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން ނެގުވުމަށް ބޮޑެތި އަދަދުތަކުން ސަރުކާރުން ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކަނޑައެޅި ތަރުޖަމާނު، އެ ޕާޓީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އަދިވެސް އިންތިހާބުގެ ޓައިމްލައިން ހާމަކޮށްފައެއް ނުވެ އެވެ.
"ގުރުލުމާ ހަމައަށް އެކަން ކުރެވޭނެ ކަމަށް ފާހަގަކުރާއިރު އެއީ ކޮން ދުވަހެއް ކަމެއް އިލެކްޝަނުން ނުބުނޭ. މި މުއްދަތަކީ ސަރުކާރަށް އެ ބޭފުޅުން ބޭނުންވާ ފަރާތްތަކެއްގެ ނަން ނެގުމަށްޓަކައި ޖާގަ ދިނުމަށް ކުރާ ކަމެއް،" ވަހީދު ވިދާޅުވި އެވެ.
ނަން ނެގޭނެ އެންމެ ފަހު ދުވަހެއް ސާފުކޮށް އީސީން ބުނެދޭން ޖެހޭ ކަމަށާއި އެކަން ކުރުމަށް އިންތިހާބާ ބެހޭ ޓައިމްލައިން ހާމަކުރުމަށް އެމްޑީޕީގެ ފަރާތުން ވަހީދު ގޮވާލެއްވި އެވެ. އަދި ރީރެޖިސްޓްރޭޝަންގެ ކަންކަން ވީހާވެސް އަވަހަށް ފެށުމަށް އެމްޑީޕީން ގޮވާލި އެވެ.
"މިހާރު ވެސް ބައެއް ދާއިރާތަކަށް ލާފައި ތިބި ކެންޑިޑޭޓުންނަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިގެން އެ ބޭފުޅުންގެ ނަން އަނބުރާ ގެންދިޔުމަށް މަސައްކަތް ކުރާތަން. އިލެކްޝަނުން ނުދޭ ބައެއް މައުލޫމާތު ޕީއެންސީން އެބަ ހާމަކުރަމުންދޭ،" ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ އަދި ޕީއެންސީން ވެސް ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށާފަ އެވެ.
ކައުންސިލް އިންތިހާބު އޮތީ އަންނަ އެޕްރީލް 4، ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ