ހޯރަފުއްޓަށް ހުރި ޕްރޮޖެކްޓްތައް ލަސްވެ ފަސްވެއްޖެ: ހޯރަފުށީ ކައުންސިލްގެ ރައީސް
ހޯރަފުއްޓަށް ހުރި ޕްރޮޖެކްޓްތައް ލަސްވެ ފަސްވެއްޖެ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. ވަހީދު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީ ކައުންސިލުން ރަށުގެ ކުރިއެރުމަކަށް ހުރަހެއް ނާޅާނެ ކަމަށާއި ޕްރޮޖެކްޓްތައް ލަސްވެ ފަސްވެ، އިންތިހާބެއް ބޯމަތިވީމާ ފިޔަންޖަހަން ކައުންސިލްގެ ބޮލަށް ކަންކަން ނުޖަހަން އެދޭ ކަމަށެވެ. "އެންމެ ކުޑަމިނުން ފެށިގައި ނުނިމި ހުރި ކަންކަން ނިންމާލަން އުޅޭށެ" ވަހީދު ލިޔުއްވާފައިވެ އެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.އެގޮތުން ހޯރަފުށީގެ އުމްރާނީ ތަރައްގީ މަޑުޖެހިއްޖެ ކަމަށް ބުނެ މިފަހުން ހޯރަފުށީ ކައުންސިލަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ