ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ މުއާމަލާތް އެ އޮފީހުން ދިފާއުކޮށްފި އެވެ.
މި މުއާމަލާތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށެވެ.
"ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާރކެޓުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާއިން،" ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.
ސެކަންޑްރީ މާކެޓުގައި ބޮންޑުތައް ވިއްކާނީ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށާއި މިކަމުގެ ސަބަބުން ޕޯޓްފޯލިއޯގެ ރިޓާން އިތުރުުވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ. މީގެ އިތުރުން، ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުޞަތު މި މުޢާމަލާތުން ލިބިގެންދިއުމާއެކު، ޕޯޓްފޯލިއޯ ރިޓާރންވެސް އިތުރު ވެގެންދާނެ،" އެ އޮފީހުން އެ މުއާމަލާތުގެ ދިފާއުގައި ބުނެފައިވެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އިއްޔެގެ ވަގުތެއްގައި މިިކަން ފާސްކޮށްފަ އެވެ. އެ ބޯޑުން މިކަން ކުރީ، ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެންނެވެ.
މިއީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ބުނެ ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަހުމަދު އިނާޒާއި އެ ބޯޑުގައި ޕްރައިވެޓު ސެކްޓާ ތަމްސީލުކުރައްވަން ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. އިނާޒާއި ސަރުވަޝް ވެސް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު މިހާ ގޯސް ދަނޑިވަޅެއްގައި މި މުއާމަލާތުގެ ސަބަބުން ކައިރި އަދި ދުރު މުސްތަގުބަލުގައި ވެސް ނުރަނގަޅު އަސަރުތައް ކުރާނެ ކަމަށެވެ.
އޭގެ އިތުރުން، އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަން ހުންނެވި އަޝްރަފް ރަޝީދާއި އެ އޮފީހުގެ ސީއެފްއޯއަކަށް ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން ވެސް އިސްތިއުފާ ދިނީ ބޮންޑު މުއާމަލާތް ހިންގަން އުޅޭތީ އެވެ.
ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ.
ނަމަވެސް މި ނޫހުން ވާހަކަ ދެއްކި ފަންނީ މާހިރުން ބުނި ގޮތުގައި، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެންނެވެ. މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މާހިރުން އިއްތިފާގު ވެ އެވެ.
ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުނެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ޕެންޝަން އޮފީހުން ދިފާއުކޮށްފި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުނެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ޕެންޝަން އޮފީހުން ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ