ރަމަޟާން 2026: އެންމެ ގިނައިރު ރޯދަ ހިފާނީ ދެކުނުގެ ގައުމުތަކުގެ މީހުން

މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް މި މަހުގެ 18 ނުވަތަ 19 ގައި ފަށާއިރު، ދުނިޔޭގެ އެކި ކަންކޮޅުތެރޭގައި ރޯދަ ހިފަން ޖެހޭ ވަގުތު ތަފާތެވެ. އެގޮތުން އުތުރު ހެމިސްފިއާގައި، މި ރޯދަމަސް ދިމާވަނީ ފިނި މޫސުމާ ކަމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރޯދަ މަހުގެ ފުރަތަމަ ދުވަހު ރޯދަ ހިފާނީ 12 ނުވަތަ 13 ގަޑިއިރަށެވެ. ނަމަވެސް މުޅި މަހުގައި އެ މުއްދަތު އިތުރުވާނެއެވެ. ޗިލީ، ނިއުޒީލެންޑް، އަދި ދެކުނު އެފްރިކާ ފަދަ ދެކުނުގެ ގައުމުތަކުގެ މީހުންނަކީ މި ރޯދަމަހު އެންމެ ގިނައިރު ވަންދެން ރޯދަ ހިފާނެ މީހުންނެވެ. އެގޮތުން އެމީހުން ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް 14 ގަޑިއިރު ނުވަތަ 15 ގަޑިިއިރު ރޯދަ ހިފާނެއެވެ. ނަމަވެސް މުޅި މަހުގެ ތެރޭގައި ރޯދަ ހިފާ ގަޑިއިރު މަދުވާނެއެވެ. ކޮންމެ އަހަރަކުވެސް އެކި ތާރީޚުތަކުގައި ރަމަޟާން މަސް ފެށެނީ ކީއްވެ؟ ރަމަޟާންމަސް ކޮންމެ އަހަރަކުވެސް ފެށެނީ ފާއިތުވެދިޔަ އަހަރު ފެށުނު ތާރީޚަށްވުރެ 10 ދުވަސް ނުވަތަ 12 ދުވަސް ކުރިންނެވެ. ސަބަބަކީ އިސްލާމީ ކަލަންޑަރަކީ ހަނދު ދައުރުވާ ގޮތުގެ މައްޗަށް ނުވަތަ ލޫނާ ކަލަންޑަރުގެ މައްޗަށް ބިނާވެފައި އޮންނަ ކަލަންޑަރަކަށް ވާތީއެވެ. އުތުރު ހެމިސްފިއާގައި ދިރިއުޅޭ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަށް މިއަހަރު ރޯދަ ހިފުމުގެ ގަޑިތައް ތަންކޮޅެއް ކުރުވެ، 2031 ވަނަ އަހަރާ ހަމައަށް އެ މުއްދަތު ކުރުވަމުން ދާނެއެވެ. އީކުއޭޓަރުގެ ދެކުނުގައި ދިރިއުޅޭ މުސްލިމުންނަށް ރޯދަ ހިފަންޖެހޭ ގަޑިއިރު މިދިޔަ އަހަރަށް ވުރެ ގިނަވާނެއެވެ. މީގެއިތުރުން 2030 ވަނަ އަހަރު ދެ ފަހަރު ރަމަޟާން މަސް ކުރިމަތިވާނެއެވެ. ފުރަތަމަ ރަމަޟާން މަސް ޖެނުއަރީ ފަސްވަނަ ދުވަހު ފެށޭއިރު، ހަމަ އެ އަހަރު ޑިސެމްބަރު 26ގައި ދެވަނަ ރަމަޟާން މަސް ކުރިމަތިވާނެއެވެ. ފަލަކީ އަންދާޒާތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަމަޟާން މަސް ފެށޭނީ މި މަހު 19 ވާ ބުރާސްފަތި ދުވަހުއެވެ. އަދި އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެންނާނެ ކަމަށް ލަފާކުރެވޭތީ، ފިތުރު އީދު ދުވަހަކީ މާޗް 20 ވާ ހުކުރު ދުވަސް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ