އިންޑިއާގައި މެޓާނިޓީ ޝޫޓަށް އެކީގައި ދިޔަ ދަރިފުޅު ފެނުނީ މަރުވެފައި އޮއްވާ

އިންޑިއާގެ ބެންގަލޫރުގެ އަންހެނަކު އޭނާގެ މެޓާނިޓީ ފޮޓޯ ޝޫޓު ނުވަތަ މާބަނޑު ދުވަސްވަރުގެ ހަނދާންތައް ރައްކާކުރުމުގެ ބޭނުމުގައި ކުރި ދަތުރުގެ ނިމުން ގެނެސްދިނީ ވަރަށް ހިތާމަވެރި ހިތްދަތިގޮތަކަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. ސައުތު ބެންގަލޫރުގެ ޖޭޕީ ނަގަރަށް ނިސްބަތްވާ ސުވާތީ އޭނާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅާ އެކު މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ފޮޓޯ ނަގާ ސްޓޫޑިއޯއަށް ދިޔައީ އޭނާގެ އެހެން މާބަނޑު ރަހްމަތްތެރިޔަކާ ވެސް އެކުގައެވެ. ދެ މީހުން އެކީގައި ދިޔައީ ސްވާތީގެ ވެސް އާއިލާއަށް އަލަށް އަންނަން އޮތް މެހުމާނުގެ ހަނދާންތައް ރައްކާކުރުމުގެ ބޭނުމުގައި ހަމަޖެއްސި ހާއްސަ ފޮޓޯ ޝޫޓަކަށެވެ. ސްވާތީގެ ތިން އަހަރުގެ ލަކްޝްވީރު ސީ އެވަގުތު ބޭނުންވީ ފޮޓޯ ސްޓޫޑިއޯގެ ބޭރުގައި ކުޅެލުމަށް ކަމުން ދަރިފުޅު އެތަނަށް ދޫކޮށްލުމަށްފަހު އޭނާ ދިޔައީ ފޮޓޯ ޝޫޓު އަވަހަށް ނިންމުމަށް މަސައްކަތް ކުރުމަށެވެ. ދަރިފުޅު އެ ސަރަހައްދުގައި ކުޅެން ދޫކޮށްލަން ނިންމި ނިންމުމަކީ އޭގެ ނަތީޖާ އެހާ ހިތްދަތިކޮށް ގެނެސްދޭނެ ނިންމުމެއް ކަމެއް އޭރު ސުވާތީއަކަށް ނުވިސްނެއެވެ. ފޮޓޯ ޝޫޓުގެ ކަންކަން ނިމުމުން ސްވާތީ އާއި ރަހްމަތްތެރިޔާ ދަރިފުޅު ހޯދުމަށް ކުރި މަސައްކަތާ އެކު އެނގުނީ ތުއްތު ތުއްތު ލަކްޝްވީރު އެތަނުގައި ހުރި ފުން ފެންގަނޑެއް ނުވަތަ (ޕޮންޑަ)ކަށް ވެއްޓުނު ކަމެވެ. އެ ސްޓޫޑިއޯގައި އޭގެ ތިން ފެންގަނޑު އޮންނައިރު ލަކްޝްވީރު ވެއްޓުނު ފެންގަނޑުގައި ދެ ފޫޓަށް ވުރެ ފުނަށް ފެން ހުރި ކަމަށް ފުލުހުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. ސްވާތީގެ ދަރިފުޅުގެ އިސްކޮޅުގައި ގާތްގަނޑަކަށް ތިން ފޫޓު ހުރިއިރު ފެންގަނޑުން އޭނާ ނެގިއިރު ވެސް އޮތީ ޚަބަރު ހުސްވެފައެވެ. އެ ސްޓޫޑިއޯގެ މީހުންގެ އެހީގައި ސްވާތީގެ ދަރިފުޅު ހޮސްޕިޓަލަށް ގެންދެވުނުއިރު މާ ލަސްވެއްޖަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދަރިފުޅު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ އާއިލާއަށް އަންގާފައެވެ. މި ހާދިސާ ހިނގިއިރު ސްވާތީގެ ފިރިމީހާ ވެސް ވަނީ ރަށުން ބޭރުގައި ކަމުން ފޮޓޯ ޝޫޓަށް ގޮސްފައި ވަނީ ސްވާތީ އާއި އޭނާގެ ރަހްމަތްތެރިޔާ އެކަންޏެވެ. މި ހާދިސާގައި ފޮޓޯ ސްޓޫޑިއޯގެ އިހުމާލެއް އެކަމުގައި ނުވާ ކަމަށް އާއިލާއިން ކަނޑައެޅިއިރު ސްވާތީގެ ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ވެއްޓުނު ފެންގަޑުގައި ހުރި ޗަކަ ގަނޑުގައި އެ ކުއްޖާގެ ފައިތާށިވެ ހަރަކާތް ކުރަން އުނދަގޫވުމުން ކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. ސްވާތީގެ ދަރިފުޅުގެ ކުއްލި މަރާ އެކު ތިން އަހަރުގެ ލަކްޝްވީރުގެ މާމަ އާއި ކާފައަށް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާގައި ބުނެފައެވެ. އެހެންވެ އެ ހާދިސާއާ ގުޅޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ މިވަގުތު ސްވާތީގެ އާއިލާއަށް ފަސޭހަކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ