އެެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ހުރަސް އަޅާނަމަ ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ: އީރާން

އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމާއެކު، އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިލި ނަމަވެސް އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ހުރަސް އަޅާނަމަ، ކަނޑުއޮޅި އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުން އެގޮތަށް ބުނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން، ހުރްމުޒް ކަނޑުއޮޅި ހުޅުވާލިޔަސް އަދި ނިމުމަކަށް ނާންނާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕްގެ ޓްރޫތް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުން 100 ޕަސެންޓް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވެންދެން އީރާނުގެ ބަނދަރުތައް ހިސޯރުކުރުން ކުރިއަށްދާނެއެވެ. އެ ވާހަކައަށް ރައްދު ދީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޤަރު ގަލިބާފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާއިން ހިސޯރުކުރުން ކުރިއަށްގެންދާނަމަ، ކަނޑުއޮޅި ހުޅުވާފައި ނުބާއްވާނެ ކަމަށެވެ. ސުލްހައިގެ މަޝްވަރާތަކާ ގުޅޭ ގޮތުން ޓްރަމްޕް ވަނީ އެތައް ދޮގު ވާހަކަތަކެއް ދައްކަވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކުން އީރާނާއި މުއާމަލާތް ކުރަންޖެހޭނެ ކަމަށާއި "ޢަދާވާތްތެރި ބާރުތަކާއި" އެމެރިކާއާއި އިސްރާއީލާ ގުޅިފައިވާ އަސްކަރީ އުޅަނދުތަކާއި ބޯޓުތައް ކަނޑުއޮޅިން ދަތުރުކުރުން ހުއްދަ ނުދޭނެ ކަމަށް ވެސް ދައުލަތުގެ ޓީވީއިން ނެރުނު ދިފާއީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެއެވެ. އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތުގެ ބާކީ ބައިގައި ހުރްމުޒް ކަނޑުއޮޅި "އެއްކޮށް ހުޅުވާލާފައި" އޮންނާނެކަން އިއުލާނުކުރީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހުރިހާ ވިޔަފާރި އުޅަނދަކަށް މިހާރު އެ މަގު ހުޅުވިފައިވާ ކަމަށެވެ. https://sun.mv/220756 ކަނޑުއޮޅި ހުޅުވައިލި ނަމަވެސް ދެ ފަރާތުގެ ވާހަކަަތަކަށް ބަލާއިރު، އުޅަނދުތަކަށް ދަތުރުކުރެވޭ ރަނގަޅު ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އުޅަނދުފަހަރުގެ ޓްރެފިކް ޑޭޓާއިން ދައްކާ ގޮތުގައި ކޮންޓެއިނަރު ބޯޓުތަކާއި ބަލްކް ކެރިއާތަކާއި ޓޭންކަރުތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 20 ބޯޓުގެ ގްރޫޕެއް ހުކުރު ދުވަހުގެ ހަވީރު ގަލްފް ތެރެއިން ހުރްމުޒް ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރި ނަމަވެސް ގިނަ އުޅަނދުތައް ވަނީ އަނބުރާ އައިސްފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ޝިޕިން ގްރޫޕް ސީއެމްއޭ ސީޖީއެމްއިން ހިންގާ ތިން ކޮންޓެއިނަރު ބޯޓުތަކެއް ވެސް ހިމެނެެއެވެ. ކަނޑުއޮޅި ހުޅުވައިލިކަން އިއުލާނުކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 10 ޕަސަންޓަށް ދަށްވެފައެވެ. އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތަކުގައި މުހިންމު މައުލޫއެއް ކަމަށް ވެފައިވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ދެ ފަރާތުން ހައްލެއް ހޯދާނެ ގޮތެއް ވެސް މިހާތަނަށް ސާފެއް ނޫނެވެ. އެމެރިކާއިން އީރާނުން މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ސްޓޮކްތައް ނައްތާލާނެ ކަމަށް ޓްރަމްޕާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާއިރު، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމައީލް ބަޣާއީ ދައުލަތުގެ ޓީވީއަށް ވިދާޅުވީ އެ ތަކެތި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެ ކަމަށެވެ. އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިބްތިދާއީ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށާއި އަންނަ ހަފުތާއަށް ހަމަވާ، ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލާފައި ބޭއްވުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުން އެކަށީގެންވާ ކަމަށެވެ. އެއީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހަނގުރާމައިގެ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ