ވެމްކޯގައި ޑްރައިވަރަކަށް މަސައްކަތްކުރާ މުވައްޒަފަކު ކުނި އަޅާ ކޮންޓެއިނަރަކަށް ވެއްޓި މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ޝުއާއު ހަނީފް އަދަދު އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެ މުވައްޒަފު ދުއްވި ޕިކަޕް ރޭމްޕަކަށް އަރުވައި ކުނި އަޅާ ކޮންޓެއިނަރަށް ޕިކަޕުގައި ހުރި ކުނި އޮއްސާލުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރެގައި ކައްސާލައިގެން ކޮންޓެއިނަރަށް ވެއްޓި ކަމަށެވެ.
އެ މުވައްޒަފަކީ ޑްރައިވަރެއްކަމުން އޭނާއަކީ ފީލްޑްގައި މަސައްކަތްކުރަން ޖެހޭ މީހެއް ނޫން ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ މުވައްޒަފު އަވަހަށް މަސައްކަތް ނިންމާލާފައި ގެއަށް ދިޔުމަށް ފީލްޑްގައި ވެސް މަސައްކަތް ކުރަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތާ [ރޭމްޕް] މައްޗަށް ޕިކަޕު ދާނީ. ގޮސްފައި އެތަނުން ފަހަތަށް ޖައްސާފައި ތިރީގައި ހުންނާނީ ކޮންޓެއިނަރު. އޭނަ ދުއްވީ ކޮމްޕެކްޓާއެއް ނޫން. އޭނަ ދުއްވީ ޕިކަޕެއް. ޕިކަޕުގެ ފަހަތުގައި އިންނަ ފިލާގަނޑު ނައްޓަން އިން ދެ ލޮކު، ދެ ފަރާތުގައި. އަސްލު ކޮންމެ ވެހިކަލެއްގައި ވެސް ތިބޭނެ ޑްރައިވަރާއި އެސިސްޓަންޓަކާއި. ޑްރައިވަރު އިންނާނީ ވެހިކަލްގައި،" ޝުއާއު ވިދާޅުވި އެވެ.
"އެސިސްޓަންޓް ގޮސްފައި އޭތި ނައްޓާނީ. އެއް ފަރާތް ނައްޓާފައި އަނެއް ފަރާތަށް ދާން ޖެހޭނީ ކުރިމަތިންލާފައި. ކުރިމަތިންލާފައި ގޮސް އަނެއް ފަރާތް ނައްޓަންޖެހޭނީ. އޭގައި މިވީ ގޮތަކީ ޑްރައިވަރު އަވަސްކުރަންވެގެން އެއް ފަރާތް ނައްޓާފައި ފަހަތުން އަނެއް ފަރާތަށް ދަނިކޮށް ކައްސާލައިގެން ވެއްޓުނީ."
އަނިޔާވި މުވައްޒަފުގެ ބޭސްފަރުވާއަށް ހިނގާ ހުރިހާ ހަރަދެއް ވެމްކޯއިން ހަމަޖައްސާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މުވައްޒަފު އެއްކޮށް ރިކަވާ ވަންދެން ހުރިހާ ހަރަދެއް ކުރާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގައި ކަމަށާއި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކުރީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ވެމްކޯގެ މުވައްޒަފުން މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަކުރާރުކޮށް މައްސަލަތައް ކުރިމަތިވަމުންދާތީ، އެކަން ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަވަސް ތަހުގީގެއް ހިންގުމަށް ރޭ ވަނީ ނިންމާފަ އެވެ.
ވެމްކޯ މުވައްޒަފަކު ކުނި އަޅާ ކޮންޓެއިނަރަކަށް ވެއްޓި ވެންޓިލޭޓަރުގައި ފަރުވާދެނީ ވެމްކޯ މުވައްޒަފަކު ކުނި އަޅާ ކޮންޓެއިނަރަކަށް ވެއްޓި ވެންޓިލޭޓަރުގައި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ