ސެމްސަންގް ޓީވީތަކަށް ގޫގުލް ފޮޓޯސްގެ ޚިދުމަތް ތައާރަފްކުރަނީ

ސެމްސަންގް ކުންފުނީގެ ސްމާޓް ޓީވީތަކަށް ގޫގުލް ފޮޓޯސްގެ ޚިދުމަތް މާދަމާ ފެށޭ އާ އަހަރު ތެރޭގައި ތައާރަފްކުރާނެކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ. މިއީ މިހާރު ގޫގުލް ޓީވީތަކުން ފެންނަ ފަދަ ތަޖުރިބާއެއް ސެމްސަންގް ޓީވީ ބޭނުންކުރާ ފަރާތްތަކަށް ގެނެސްދިނުމަށް ކުރާ މަސައްކަތެކެވެ. ސެމްސަންގުން ހާމަކުރި ގޮތުގައި، މި ޚިދުމަތް ތައާރަފްކުރަން ފަށާނީ 2026 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެންމެ ފުރަތަމަ ގެންނާނީ ގޫގުލް ފޮޓޯސްގެ "މެމޮރީސް" ފީޗާއެވެ. މިއީ މީހުންނާއި، ތަންތަނާއި، އަދި ހަޔާތުގެ މުހިންމު ދަނޑިވަޅުތަކަށް ބިނާކޮށް ފޮޓޯތައް ތަރުތީބުކޮށްދޭ ފީޗާއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ފުރަތަމަ ހަމައެކަނި ސެމްސަންގް ޓީވީތަކަށް ލިބޭނެ "އެކްސްކްލޫސިވް" ފީޗާއެކެވެ. އަންނަ އަހަރުގެ ފަހުކޮޅު، އޭއައި ބޭނުންކޮށްގެން ފޮޓޯތަކަށް ބަދަލު ގެނެވޭ "ކްރިއޭޓް ވިތް އޭއައި" އަދި "ޕާސަނަލައިޒްޑް ރިޒަލްޓްސް" ފަދަ ފީޗާތައް ތައާރަފްކުރާނެއެވެ. މީގެ ތެރޭގައި "ޖެމިނައި ނެނޯ ބަނާނާ އޭއައި މޮޑެލް ބޭނުންކޮށްގެން ފޮޓޯތަކުގެ އާޓް ސްޓައިލް ބަދަލުކުރުމާއި، ފޮޓޯތަކުން ކުރު ވީޑިއޯ އުފެއްދުން ފަދަ ކަންކަން ހިމެނެއެވެ. https://sun.mv/123758 ސެމްސަންގުން ބުނާ ގޮތުގައި މިއީ ހަމައެކަނި ޓީވީއަށް އިތުރުކުރާ "އެޕްލިކޭޝަނެއް" ނޫނެވެ. އޭގެ ބަދަލުގައި މިއީ ޓީވީގެ ސިސްޓަމްގެ ތެރެއަށް ވަރަށް ބޮޑަށް ލާމެހިފައިވާނެ ޚިދުމަތެކެވެ. ޓީވީގެ "ޑެއިލީ ޕްލަސް" އަދި "ޑެއިލީ ބޯޑު" މެދުވެރިކޮށް، ޓީވީ ބޭނުންކުރާ ވަގުތުތަކުގައި އާއިލީ ފޮޓޯތަކާއި ހަނދާންތައް ސްކްރީނުން ފެންނަން ހުންނާނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށްޓަކައި ޔޫޒަރުން ކުރަންޖެހޭނެ ކަމަކީ އެ މީހެއްގެ ގޫގުލް އެކައުންޓަށް ލޮގިންވުމެވެ. ގޫގުލް ފޮޓޯސްގެ ޚިދުމަތް މީގެ ކުރިން ލިބެމުން އައީ ހަމައެކަނި ގޫގުލް ޓީވީ އަދި އެންޑްރޮއިޑް ޓީވީތަކަށެވެ. މިއީ ސެމްސަންގާއި ގޫގުލް ގުޅިގެން ޓީވީގެ ދާއިރާއިން މިފަދަ ޚިދުމަތެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ސެމްސަންގް ޓީވީ ގެންގުޅޭ ފަރާތްތަކަށް އެ މީހުންގެ ފޯނުގައި ހުންނަ ފޮޓޯތައް ފަސޭހަކަމާއެކު ބޮޑު ސްކްރީނުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ