ހަރްޝްވަރުދަންއަށް އަނެއްކާވެސް މިލަޕް ޒަވޭރީގެ ފިލްމެއް

މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ އެކްޓަރު ހަރްޝްވަރުދަން ރާނޭއަށް އެ ފިލްމުގެ ޑައިރެކްޓަރު މިލަޕް ޒަވޭރީއާ އެކު މަސައްކަތް ކުރުމުގެ އިތުރު ފުރުސަތެއް ފަހިވެއްޖެއެވެ. މި ފިލްމަކީ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ކުންފުނި ޓީ-ސީރީސްގެ ވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ބުޝަން ކުމާރު އުފައްދާ ފީޗާ ފިލްމެކެވެ. ޓީ-ސީރީސް ބެނާގެ ދަށުން ގެނެސްދޭ މި ފިލްމުގެ ލީޑް ރޯލަށް ހަރްޝްވަރުދަން ގެންނަން ނިންމާފައިވާއިރު ބުޝަން ކުމާރު ބޭނުންވީ ހަރްޝްގެ މި ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ މިލަޕް ޒަވޭރީއާ ހަވާލު ކުރުމަށެވެ. މިލަޕް ޒަވޭރީއާ އެކު މަސައްކަތް ކުރުމުގެ އިތުރު ފުރުސަތެއް ހަރްޝްވަރްދަންއަށް ލިބުނުއިރު ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ ކާމިޔާބީއަށް ފަހު އޭނާ ވަނީ ދެންވެސް ޑައިރެކްޓަރު ޒަވޭރީއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތު ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ. އަދި މިލަޕްއާ އެކު މަސައްކަތްކުރާ ފިލްމަކާ މެދު ސުވާލެއް ވެސް ނުއުފައްދާނެ ކަމަށާއި ލޯމަރާލައިގެން ހުރެވެސް ޑައިރެކްޓަރަށް އިތުބާރުކުރާނެ ކަމަށް ހަރްޝް ވަނީ ބުނެފައެވެ. އެކްޓަރު ހަރްޝްވަރްދަން، ފިލްމު ޑައިރެކްޓަރު މިލަޕް ޒަވޭރީ އަދި ޕްރޮޑިއުސަރު ބުޝަން ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ ލޯބީގެ ފިލްމުތަކުގެ އިތުރުން ކޮމެޑީ ޖޯންރާގެ ފިލްމުތަކެއް ވެސް އުފައްދާފައިވާ މިލަޕްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ސަތްޔަމޭވަ ޖަޔަތޭ"، "މަރުޖާވާން" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މަސްތީ 4" ހިމެނެއެވެ. މިލަޕް ޑައިރެކްޓްކޮށްފައިވާ "ސަތްޔަމޭނަ ޖަޔަތޭ"ގެ ދެ ފިލްމަކީ ވެސް ޓީ-ސީރީސްއަށް އޭނާ ޑައިރެކްޓްކޮށްދީފައިވާ ދެ ފިލްމެވެ. ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ހަރްޝްއާ އެކު މިލަޕް މަސައްކަތްކުރަން ހަމަޖެހިފައިވާ އާ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ފެށިފައިވާއިރު ވަރަށް މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ