ޝައިހް ހަސީނާގެ މައްޗަށް އިތުރު 10 އަހަރުގެ ޖަލު ހުކުމެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއްގައި، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އިތުރު 10 އަހަރުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްޔެ އިއްވައިފި އެވެ.
ޑާކާގެ ކޯޓުން ވަނީ ހަސީނާގެ އިތުރުން، އޭނާއަށް ބޮޑުބޭބެ ކިޔާ ރަލްވާން މުޖީބު ސިއްދީގު ބޮބީ އާއި އޭނާގެ ދެ އަންހެން ކޮއްކޮ ކަމަށްވާ އަޒްމީނާ ސިއްދީގު ރުޕަންތީ އަދި ޓިއުލިޕް ސިއްދީގުގެ މައްޗަށް ވެސް ގައިރު ހާޒިރުގައި ޖަލު ހުކުމް އިއްވާފަ އެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަކީލެކެވެ.
އޭސީސީން ހުށަހެޅި މި މައްސަލަތަކުގައި ތުހުމަތުކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނާއި މާލީ މައުލޫމާތު ސިއްރުކޮށްގެން، ޑާކާގެ 'ޕުރުބަޗަލް ނިއު ޓައުން' މަޝްރޫއުން ގަވާއިދާ ހިލާފަށް ދެ ބިން ހޯދާފައިވާ ކަމަށެވެ. މި ދެ މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައި ހަސީނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ހަސީނާގެ 15 އަހަރުގެ ދިގު ވެރިކަމުގައި، ރައްޔިތުން ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 5 އޮގަސްޓް 2024ގައި ގައުމު ދޫކޮށް ވަޑައިގަތުމަށް ފަހު، އޭނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގަ އެވެ.
މީގެ ކުރިން ޑާކާގެ ހާއްސަ ކޯޓަކުން ވަނީ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަނިޔާވެރި އަމަލުތަކުގައި ބައިވެރިވި ކަމަށް ނިންމައި ހަސީނާ މަރަން ހުކުމްކޮށްފަ އެވެ. އަދި ނޮވެމްބަރު މަހު އެހެން ކޯޓަކުން ވަނީ ހަމަ މި މަޝްރޫއުގެ ބިންތަކާ ގުޅޭ ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.
އެންމެ ފަހުން އިއްވި ހުކުމްތަކާ ގުޅޭ ގޮތުން ވަކީލު ހާން މުހައްމަދު މޮއިނުލް ހަސަން ވިދާޅުވީ، ބޮބީ އާއި ރުޕަންތީގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ މެންބަރު ޓިއުލިޕް ސިއްދީގުގެ މައްޗަށް ކޮންމެ މައްސަލައެއްގައި ދެ އަހަރުގެ މަގުން ޖުމްލަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޓުން ނިންމާފައިވަނީ ޓިއުލިޕް އޭނާގެ ބޮޑުދައިތަ ހަސީނާއަށް ނުފޫޒު ފޯރުވައިގެން، އޭނާގެ އެއްބަނޑު އެއްބަފާ މީހުންނަށް ބިން ހޯދައިދީފައިވާ ކަމަށެވެ.
ޓިއުލިޕް މި ތުހުމަތުތައް ދޮގުކުރައްވާއިރު، އޭނާގެ އާއިލާ އާއި ބަންގްލަދޭޝް ސަރުކާރާ އޮތް ގުޅުމުގެ މައްސަލަ ހޫނުވުމާ ގުޅިގެން، އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާގެ އެންޓި-ކޮރަޕްޝަން މިނިސްޓަރުގެ މަގާމުން މިދިޔަ އަހަރު އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ