ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާޓް އަދި ފޮޓޯގްރަފީ ޕްރޮގްރާމްތަކެއް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ. މިނިސްޓްރީއިން ބުނީ މި ތަމްރީނުތަކަކީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެއް ކަމަށެވެ. މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާޓް އަދި ފޮޓޯގްރަފީ ޕްރޮގްރާމްތަކެއް --- ފޮޓޯ: ސޯޝަލް އެންޑް ފެމެލީ ޑިވޮލަޕްމެންޓް މިނިސްޓްރީ އެގޮތުން މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ހަމައެއާއެކު އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މިނިސްޓްރީއިން ބުނީ މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުން ކަމަށެެވެ. އެގޮތުން ޖުމްލަ 22 ފަރާތަކާއެކު ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިއުއޭއިން ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓިފިކެޓެއް ލިބިގެންދާނެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާޓް އަދި ފޮޓޯގްރަފީ ޕްރޮގްރާމްތަކެއް --- ފޮޓޯ: ސޯޝަލް އެންޑް ފެމެލީ ޑިވޮލަޕްމެންޓް މިނިސްޓްރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޖުތިމާޢީ އަދި އިޤްދިސާދީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ