އެޑްމިޓް ކޮށްފައި އޮތް ކުއްޖަކު ދިރިހުރުމަށް ބޭނުންވާ ކާނާ ފޯރުކޮށްދޭ "ފީޑިންް ޓިއުބް" އެންސްޕާ މެދުވެރިކޮށް ލިބުން ލަސްވެގެން އެ ކުއްޖާ ނިޔާވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެމެ، އެ މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލު ކުރަމުންދިޔަ 6 އަަހަރުގެ އިބްރާހިމް އަޒާން ސުހައިލްގެ މަންމަ އާމިނަތު ޔަޝްފާ ވަނީ، މި ހިއްދަތި ހާދިސާ ހިނގާދިޔަ ގޮތް ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައެވެ.
އެގޮތުން އަޒާން ތަހައްމަލު ކުރަމުންދިޔަ ބަލީގެ ސަބަބުން އާންމު ދިރިއުޅުމުގައި ކެއުން ބުއިމަށް ތަކްލީފު ތަކެއް ހުންނާތީ ކާންދީ ހަދަނީ ގޮހޮރަށް ކާނާ ފޮނުވައިދޭ ފީޑިންގް ޓިއުބެއްގެ ޒަރިއްޔާއިން ކަމަށް ބުނެއެވެ.
އެ ފީޑިންގް ޓިއުބަކީ 6 މަސް ދުވަހުން ބަދަލު ކުރަން ޖެހޭ އެއްޗަަކަށް ވާއިރު އަޒާންގެ ހަށިގަނޑަށް ގުޅާފައިވާ ފީޑިންގް ޓިއުބް ބަދަލު ކުރުމުގައި ލަސްތަކެއް ދިމާވެފައި ވަނީ އެންސްޕާގެ ފަރުވާކުޑަކަމުން ކަމަށް ކުއްޖާގެ މަންމަ ތުހުމަތުކުރެއެވެ. އެގޮތުން ރާއްޖެއިން ފީޑިންގް ޓިއުބް ނުލިބުމުގެ ސަބަބުން އެންސްޕާ މެދުވެރިކޮށް ފީޑިން ޓިއުބް ހޯދަން އެދުނުތާ 8 މަސް ފާއިތުވިއިރުވެސް ނުލިބޭ ކަމުގެ ޝަކުވާ އޭނާ ވަނީ ކޮށްފައެވެ.
ހުސްވި ހަފްތާގެ ތެރޭގައި ޔަޝްފާ ބުނީ، އެ ހޮޅިކޮޅު ގެނެސްދިނުމަށް އެދިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ކަމަށެވެ. އެ ފަހަރު އޭގެ ދެ ހޮޅިކޮޅު ގެނެސްދިނުމަށް އެދުނު ނަމަވެސް އެސްޓީއޯ ފާމަސީއަށް ގުޅުމުން، އެންސްޕާއިން އެ ހޮޅިކޮޅު ގެނައުމުގެ ހުއްދަ ދީފައި ނުވާތީ އޭރު އޯޑަރުވެސް ނުކުރާކަމަށް ވެއެވެ. އެއީ އެ ކުއްޖާގެ ކާނާ އެތެރެވާ ހަމައެކަނި ވަސީލަތްކަން ފާހަގަކޮށް އެ ކުއްޖާގެ މަންމަ ވަނީ އަވަސްކޮށްދިނުމަށް އެދި ކަމާ ގުޅޭ އިދާރާތަކުގައި އާދޭސް ކޮށްފައި ކަމަށް ބުނެއެވެ. ހޮޅިކޮޅުގެ ޒަރީއާއިން ކާންދޭ އަޒާން އިއްޔެ ވަނީ ނިޔާވެފައެވެ.
އަޒާނަށް ފަރުވާދިން ޑޮކްޓަރުންނާ ހަވާލާދީ ޔަޝްފާ ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި ދިރިހުންނާނެ ކަމުގެ އުންމީދު ކަނޑާލި ކަމަށެވެ. "ކުރީ ދުވަހު އައިޖީއެމްއެޗް ޕްރޮކިއުމަންޓް އިން ގުޅާފަ ބުނި އޭތި ލިބިފައޭ އިނީ. ބަޓް އިޓްސް ޓޫ ލޭޓް ޓު ކަނެކްޓް ހޮޅިކޮޅު ގުޅަން މިހާރު މާ ލަސްވެއްޖެ. ހާލު ދެރަވީމަ ނުގުޅޭނެޔޯ" ޔަޝްފާ ބުންޏެވެ.
އެއާއެކު އެންސްޕާއަށާއި އެސްޓީއޯއަށް ބޮޑެތި ތުހުމަތުތަކެއްކޮށް އާންމުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. މިކަމާ ގުޅިގެ 'ދަ ޕްރެސް' އިން ހެލްތް މިނިސްޓްރީއާ ސުވާލު ކުރުމުން ބުނީ އެ ހާދިސާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް، މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމުން އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހިއްސާކޮށްފައި ނުވެއެވެ.
މި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު މިކަމާ ގުޅިގެން އެންސްޕާގެ ބަހެއް މިހާތަނަށް ލިބިފައި ނުވެއެވެ.
ފީޑިންގް ޓިއުބް ލިބުން ލަސްވެ ކުޑަކުއްޖަކު ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ