ދަރަނި 146 ބިލިއަނަށް އަރާފައިވާއިރު ދެބައިކުޅަ އެއްބައި ވަކި ގައުމަކުން؛ އަޅުވެތިވާނީ މިވަރަކަށް: މުޢިއްޒު

ދިވެހި ރާއްޖޭގެ ދަރަނި މިހާރު 146 އަށް އަރާފައިވާއިރު، އެ ދަރަނީގެ ދެބައިކުޅަ އެއްބައި ނަގާފައިވަނީ ވަކި ގައުމަކުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުޢިއްޒު ވަނީ، މިމަހު 30 ވަނަ ދުވަހު އެންމެންލާ ވޯޓަކީ ގައުމީ ވިސްނުމުގައި ލާ ވޯޓެއް ކަމަށް ހެދުމަށް އެދި ލައްވާފައެވެ. 
އެހެނީ، މިއަދު މި ޤައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާ، ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއްވެސް ނެތް ކަމަށެވެ.
Advertisement
ބޭރު ސިފައިން މިތާ ތިބި ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ވިދާޅުވޭ. އަދި އެކި މަގާމްތަކުގައި ތިބި މީހުން އެކި ދުވަހު އެކި ގޮތަށް އެވާހަކަ އެބަ ދައްކަވާ. އެއްވެސް ކަމެއްގައި ދިވެހިންގެ ބާރެއް ނެތްކަން އެދަނީ ފެންނަމުން. އެހެންކަމުން ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ޤައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދެއްވަންޖެހޭ.
ޑރ. މުހައްމަދު މުޢިއްޒު 
މިއާއެކު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ އެންމެ ފުރަތަަމަ ކަމަށްވެސް މި ގައުމުގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އެއަށްފަހު ޤައުމުގެ އިގްތިޞާދު މިނިވަންކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"މިއަދު ދަރަނިތައް މިއޮތީ ފުނިޖެހިފައި. މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ ވަނީ އަރާފައި. ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ. މީގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ޤައުމަކުން އެކަނި ނަގާފައިވާ ދަރަނި. އަޅުވެތި ވާނީ މިވަރަށް."
ޑރ. މުހައްމަދު މުޢިއްޒު 
މީގެ އިތުރުން މުޢިއްޒު ވަނީ، އައްޑޫ ސިޓީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްްދަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ