މައްސަލަ ނިންމީ ބޭއިންސާފުކޮށް ކަމަށް ވިދާޅުވެ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް މަހާޒް ވެސް އެދިވަޑައިގެންފި މައްސަލަ ނިންމީ ބޭއިންސާފުކޮށް ކަމަށް ވިދާޅުވެ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް މަހާޒް ވެސް އެދިވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ އިންތިހާއަށް ބޭއިންސާފުކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހަގީގަތް ހާމަ ކުރެއްވުމުގެ ފުރުސަތަކަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މަހާޒް ވިދާޅުވީ އޭނާ ދަށު ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލި މައްސަލައިގައި މަގާމުން ވަކި ކުރަން ނިންމާފައި ވަނީ، ޖޭއެސްސީއިން މައްސަލަތައް ބަލަންޖެހޭނީ އިންސާފުވެރިކޮށް ކަމަށް ގާނޫނުގައި ބުނެފައި އޮތް މާއްދާއާ ހިލާފަށް ކަމަށެވެ.
"މައްސަލަ ބެއްލެވި ކޮމިޓީއިން ކަނޑައެޅިގެން ގާނޫނުގައިވާ އިޖުރާއަތުތަކާއި ހިލާފަށް ޢަމަލުކޮށްފައިވޭ. މައްސަލަތައް ބެލުމުގައި އިންސާފުވެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ މުޅިން ހިލާފަށް މައްސަލަ ބެއްލެވި ކޮމިޓީން އަމަލުކޮށްފައިވޭ،" އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން ވަކި ކުރުމަށް ޖޭއެސްސީއިން ވަނީ ނިންމައިފަ އެވެ. މިހާރު އެ ދެ މައްސަލަ އޮތީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.
މަހާޒްއަށް ކުރާ ތުހުމަތަކީ ބަންދުގެ މުއްދަތު ޖަހަން ގެނައި މީހަކު ދޫކޮށްލުމަށް އެދުމެވެ. އެގޮތަށް އެދުނީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅުމަށްފަހު ކަމަށް ޖޭއެސްސީއިން ބުނެ އެވެ. ނަމަވެސް އެ ގާޒީ ޖޭއެސްސީއަށް ދިން ބަޔާނުގައި ބުނަނީ ބަންދުގެ މުއްދަތު މަޖިލީހަށް އެއްވެސް މީހަކު ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ.
"މިހައި ސާފުކޮށް އޮތް ކަމެއްގައި، އަޅުގަނޑު ވަކި މީހަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާއަށް އެކުލެވޭ ކަމެއް ކަން އަންގައިދޭ ކަމެއް،" މަހާޒް ވިދާޅުވެފައިވެ އެވެ.
އެ މައްސަލަ ޖޭއެސްސީއިން ބަލަން ފެށީ މީހަކު އެ ކޮމިޝަނަށް ފޮނުވި ސިޓީއަކަށް ބިނާކޮށް ކަމަށް ޖޭއެސްސީއިން ބުނެ އެވެ. ނަމަވެސް މަހާޒް ވިދާޅުވީ އެ ސިޓީގެ އެއްވެސް ތަފުސީލެއް ކޮމިޝަނުން ދީފައިނުވާ ކަމަށެވެ. އަދި މައްސަލައިގައި ދިފާއުވާން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"ހެއްކާބެހޭ ގާނޫނަކީ އެ ކޮމިޝަނުގެ މައްޗަށް ހިނގާ ގާނޫނެއް ނަމަވެސް، އެ ގާނޫނާ ހަވާލާދީ އެ ކޮމިޓީން އެއްވެސް ވާހަކައެއް ހެކިން ހާޒިރު ނުކުރުމުގައި ބަޔާންކޮށްފައިނުވޭ. ތަހުގީގުގައި ތަކުރާރުކޮށް ފާހަގަ ކުރި ނަމަވެސް، ފަނޑިޔާރުންނާ ގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކާބެހޭ އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވޭ،" އެ ސިޓީގައި މަހާޒް ވިދާޅުވެފައިވެ އެވެ.
މަހާޒްގެ ފަރާތުން އެދިވަޑައިގެންފައި ވަނީ ޖުޑިޝަރީ ކޮމިޓީއިން އެ މައްސަލަ ދިރާސާ ކުރާއިރު ކޮމިޓީއަށް ވަޑައިގެން ވާހަކަ ދައްކަވައި، ހަގީގަތް ހާމަ ކުރެއްވުމަށް ފުރުސަތެއް ދެއްވުމަށެވެ.
"ތިޔަ އިއްޒަތްތެރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ، އަޅުގަނޑުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގެ އިއްޒަތްތެރި މެންބަރުންނަށް ހާމަކޮށްދިނުމަށް ބޭނުންވާ ހަގީގަތްތައް ހާމަކޮށްދިނުމުގެ ފުރުސަތު ފަހިކޮށް ދެއްވުން އެދެން،" އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން އެ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވެސް ވަނީ މިއަދު އެދިވަޑައިގެންފަ އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" އަޒްމިރާލްދާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ