ގދ. ގައްދޫގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ގަމުގައި ފަސް ދާއިރާއަކުން އިންވެސްޓްކުރަން ގައްދޫ ކައުންސިލުން މިއަދު ކުރި އިއުލާނު ބާތިލުކުރަން ސަރުކާރުން އަންގައިފި އެވެ.
ގަމުގައި އިންވެސްޓުކުރަން ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކުން ގައްދޫ ކައުންސިލުން ހުޅުވާލީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ވިޔަފާރި އާއި ދިރާސާގެ ބޭނުންތަކަށެވެ.
ނަމަވެސް އިއުލާން ގެޒެޓުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ރަށަކީ ސަރުކާރުގެ ކުންފުނި، އެގްރޯނެޓަށް ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމުން އިއުލާން ބާތިލުކުރަން އަންގާ ކަމަށެވެ.
މިނިސްޓްރީގެ ސިޓީއަށް އަމަލުކުރަން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ގައްދޫ ކައުންސިލުން ވަނީ ރައްދު ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ގަމަކީ މިދިޔަ އަހަރުގެ މޭ 19, ގައި އެ ކައުންސިލުން އެކުލަވާލި އަދި ހައުސިން މިނިސްޓްރީން ފާސްކޮށްފައިވާ ބިނާވެށި ޕްލޭނުގެ ދަށުން ގައްދޫގެ އިހުތިސޯސުގެ ދަށުގައިވާ ރަށެއް ކަމަށެވެ.
ކައުންސިލުގެ ސިޓީގައި ލާމަރުކަޒީ ގާނޫނުން ބާރު ލިބިދީ ގަމާއި ގުޅޭގޮތުން އެގްރޯނެޓާއެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް ކައުންސިލުން ވަނީ ވުޒާރާއަށް އަންގާފަ އެވެ. އެންގުމާ ހިލާފުވެއްޖެނަމަ ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގޮވައިގެން ކޯޓަށް ދާނެ ކަމަށް ގައްދޫ ކައުންސިލުން ބުނެފައިވެ އެވެ.
ގަމަކީ ގައްދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާ އެ ރަށުން ގައްދޫއަށް އިގުތިސޯދީ ފައިދާ ކުރަނިވި ގޮތްތައް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އެ ވައުދު ވެވަޑައިގެންނެވީ އޮގަސްޓު 27، 2023 ގައި ގައްދޫގައި ހުންނަވާ ވާހަކަދައްކަވަމުންނެވެ.
ވެރިކަމާ ހަވާލުވެވަޑައިތުމަށް ފަހު ގައްދޫއަށް ކުރެއްވި ދަތުރުގައި ވެސް ރައީސް ވަނީ މި ވައުދު ތަކުރާރުކުރައްވާ އެކަމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ކެމްޕެއިންގައި ވައުދުވިން، ގަން އެއީ، މި ރަށުގެ ތަރައްގީއަށް ހަވާލުކުރާނެ ރަށެކޭ. އެގޮތުގައި އެކަން އޮންނާނީ،" ފެބްރުއަރީ 21، ގައި ގައްދޫގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވައުދާ ހިލާފަށް މިނިސްޓްރީން ސިޓީ ފޮނުވި ސަބަބެއް ސާފެއް ނޫނެވެ. އަދި ވައުދުވެވަޑައިގެންނެވި ނަމަވެސް ރަސްމީކޮށް މި ރަށް ގައްދޫގެ އިހުތިސޯސްގެ ތެރޭގައި ހިމަނުއްވާފައި ނުވެ އެވެ.
ގާނޫނު އޮތް ގޮތުން ރަށްރަށުގެ އިހުތިސޯސަށް ބަދަލު ގެނައުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސަށެވެ. މިކަން ކުރަނީ ރައީސްގެ ގަރާރަކުންނެވެ.
ހުވަދޫ އަތޮޅުގައި ގުދުރަތީ ގޮތުން ހެދިފައި އޮތް އެންމެ ބޮޑު ރަށް ކަމުގައިވާ ގަމަކީ އެވޭލާ ޒަމާނުގައި މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށުގައި އާސާރީ ބިނާތަކެއް ވެސް ހުރެ އެވެ.
ގައްދޫގެ އިހުތިސޯސުގައި އޮތް ގަމުގައި އިންވެސްޓް ކުރަން ހުޅުވާލި އިއުލާން ބާތިލްކުރަން ސަރުކާރުން އަންގައިފި ގައްދޫގެ އިހުތިސޯސުގައި އޮތް ގަމުގައި އިންވެސްޓް ކުރަން ހުޅުވާލި އިއުލާން ބާތިލްކުރަން ސަރުކާރުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ