ސޮރީގެ ރޯލަކަށް އެއް މަސް ނުވާ ކުއްޖެއް ހޯދަނީ
މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ މަންޒަރަކަށް، ވިހައިގެން އެއް މަސް ނުވާ ކުއްޖެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ. ފިލްމުގެ ޝޫޓިންގެ ބައެއް މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ފިލްމުގެ މުހިއްމު ސީނެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ސީނަށް ތުއްތު ކުއްޖެއް ބޭނުންވެއެވެ. ނަހުލާ ހާމަކޮށްފައިވާގޮތުގައި ފިލްމުގެ ޝޫޓިން އަށް އެއް މަސް ނުފުރޭ ކުއްޖެއް ބޭނުންވެއެވެ. އަދި މިކަމާ ގުޅޭގޮތުން އެހީއެއް ލިބޭނެ ފަރާތެއްގެ މައުލޫމާތުވާނަމަ ނަހުލާއަށް ޑީއެމް ކުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ. ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ. އެއާއެކު މިހާރު ފިލްމުގެ މައިގަނޑު މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ސޮރީއަކީ ވަރަށް އަސަރު ގަދަ ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމަކީ ހަނދާނުން ފޮހެލަން އުނދަގޫވާނެ ވަރުގެ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ޕްރޮޑަކްޝަނުން އިޝާރާތް ކުރެއެވެ. މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ. ބޮޑު ބްރޭކަކަށް ފަހު ނަހުލާގެ ފިލްމެއް އޮލިމްޕަހަށް އަނބުރާ އަންނާތީ މި ފިލްމަށް އިންތިޒާރު ކުރާ މީހުން ވަނީ ވަރަށް ގިނަ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ