އީޔޫއަށް ކަނޑައެޅި ސަފީރު ގިލާގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެރުވި.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސުލާ ވޮން ޑާ ލެޔެން އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގަ އެވެ.
ފަތްކޮޅުއެރުވުމަށްފަހު، ގީލާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެރުވި ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، މީގެއިތުރުން، ރާއްޖޭން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމާ ގީލާ ހަވާލުވެވަޑައިގަތުމުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް މަރުހަބާ ވިދާޅުވި ކަމަށެވެ.އަދި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ އުރްސުލާ ވޮން ޑާ ލެޔެން އާ ބައްދަލުކުރައްވައިފަ އެވެ.
އދ.ގެ 79 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވެސް، ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައި، ދެފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައިފަ އެވެ.އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހުށަހަޅުއްވައި، ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ