އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހުޅަނގުގެ ތިން ގައުމަކުން ދީފި
ޕެރިސް (20 މެއި 2025): އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް ހިންގާ ޖަރީމާތައް ބަލައި ނުގަނެވޭ ހިސާބަށް މިހާރު ހިނގައްޖެކަމަށާއި ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ނުދޭނަމަ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ހުޅަނގުގެ ތިން ގައުމަކުން ދީފިއެވެ. އިސްރާއީލުގެ ޔަހޫދީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާގެ އިސްވެރިން ނެރުނު ގުޅިފައިވާ ބަޔާނަކީ ހުޅަނގުގެ އެއްވެސް ގައުމަކުން އިސްރާއީލާ ދެކޮޅަށް މިހާތަނަށް ދުވަހަކުވެސް ނެރެފައި ނުވާފަދަ ހަރުކަށި ބަޔާނެކެވެ. ނަމަވެސް މި ބަޔާނުގައި އިސްރާއީލަށް އިންޒާރު ދީފައިވާ ގޮތަށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ތިން ގައުމަކަށް ކުރަން ކެރިދާނެކަމެއްތޯ މުރާސިލުންވަނީ ސުވާލު އުފައްދާފައެވެ. އެމެރިކާއަށްފަހު ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ބާރާއި ނުފޫޒު އެންމެ ގަދަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާ ހިމެނެއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ގަތުލުއާންމު ހިންގައި ކޮންމެ ދުވަހަކު 70އިން 80އިން އާންމުން މަރަމުންނެވެ. އަދި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާތައް ދީ، އެތަންތަން ބިމާހަމަކޮށް ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ނޫސްވެރިންގެ ބޮލަށް ބޮންއަޅައި އެމީހުން ޑަޒަން ޑަޒަނަށް މަރަމުންނެވެ. އޭގެ އިތުރަށް ޣައްޒާގެ އާންމުން ބަނޑަށް މަރާއިރުވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރާ މިތިން ގައުމުން މިހާތަނަށްތިބީ އަޅާވެސް ނުލައެވެ. ޣައްޒާގެ ރައްޔިތު ބަނޑަށް މަރަނީ މީގެއިތުރުން މި ގައުމުތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތާ ދެކޮޅަށް ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ކުރާ މުޒާހަރާތައް ރޫޅާލައި އެއީ އެންޓީ ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ޖައްސާލުމުގެ ގޮތުން ކުރާ މުޒާހަރާތަކެއް ކަމަށް ސިފަކޮށް މުޒާހަރާވެރިން ހައްޔަރުކުރަމުން ގެންދާ ގައުމުތަކެކެވެ. އެހެންކަމުން އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް ހިންގާ ޖަރީމާތައް ބަލައި ނުގަނެވޭ ހިސާބަށް މިހާރު ހިނގައްޖެކަމަށާއި ކާބޯތަކެއްޗާއި ބޭސް ވެއްދުމުގެ ފުރުސަތު ނުދީފިނަމަ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދިންނަމަވެސް އެގައުމުތަކުގައި ޔަހޫދީންގެ ބާރާއި ނުފޫޒު އޮތް މިންވަރުން މިއިން ގައުމަކަށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅިދާނެތޯ ޚުދު އެގައުމުތަކުގެ ބައެއް މުހައްލިލުންވެސްވަނީ ސުވާލު އުފައްދަވާފައެވެ. އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުންގެ ބޮލަށް ބޮން އަޅައިގެން މެރުމުގެ އިތުރުން ބާކޯތަކެތިން މަހުރޫމްކޮށް ބަނޑަށް ޖައްސައިގެންވެސް މަރަމުންނެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރުވެސް ނުހިންގާފަދަ ލާއިންސާނީ ޖަރީމާތަކެއް ކަމަށް މިކަމާދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ގެންދަނީ ސިފަކުރަމުންނެވެ. ހިޓްލަރަކީ ޑިކްޓޭޓަރެއްކަމަށް ސިފަކުރާއިރު އޭނާއަކީ އިންތިޚާބީ އުސޫލުން ޖަރުމަނުގެ ވެރިކަމަށް އައި ވެރިއެކެވެ. އިސްރާއީލުގެ ޑިކްޓޭޓަރު ބެންޖަމިން ނަތަންޔާހޫއަކީވެސް އިންތިޚާބީ ވެރިއެއްނަމަވެސް އޭނާގެ ޖަރީމާތައް ހިޓްލަރާ އެއްފަދަ ވުމުން ހުޅަނގުގެ ވާތު ފިޔައިގެ ފަރަތްތަކުން އޭނާ ސިފަކުރަނީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ޑިކްޓޭޓަރުގެ ގޮތުގައެވެ. ނަތަންޔާހޫ ވަނީ ހުޅަނގުގެ މިތިން ގައުމުގެ ބަޔާނަށް ގޮންޖަހައި އެބަޔާނަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ގެ "ޓެރަރިޒަމަށް" ތާއީދުކުރާ ބަޔާނެއްކަމަށް ސިފަކޮށްފައެވެ. "އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާގެ އިސްވެރިންގެ ބަޔާނަކީ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ނަސްލު ނައްތާލުމަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ދިން އިނާމެއް" ހިޓްލަރު ފަދަ ޑިކްޓޭޓަރެއްކަމަށް ދުނިޔޭގައި މިހާރު ސިފަކުރެވޭ އިސްރާއީލުގެ ޑިކްޓޭޓަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަތަންޔާހޫ ބުނެފައިވެއެވެ. މިއީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްގެ މުޖާހިދުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ގައި އިސްރާއީލަށް ދިން ކުއްލި ހަމަލާތަކަށް ނަތަންޔާހޫ ކުރި އިޝާރާތެއްކަމަށް ވަނީ ބެލެވިފައެވެ. ހަމާސް ބުނާގޮތުން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނު ހުއްދަކުރާ ރެސިސްޓެންސް އަމަލެކެވެ. އަމިއްލަ މިނިވަންކަން ހޯދުމަށްޓަކައި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ހަމަލާދިނަސް ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އަމިއްލަ ނަފްސުގެ ދިފާއު ކުރުމުގެ ނަމުގައި އިސްރާއީލަށް ވާހަކަ ނުދެއްކޭނެކަމަށް އެދުވަސްވަރު މިމައްސަލާގައި އދ. ގައި ވާހަކަ ދެއްކި ރަޝިއާ ފަދަ ގައުމުތަކުންވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ