ސެއިޚް ފަރީދު ފަސްދާނުލައިފި

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މެލޭޝިޔާގައި މިއަދު ފަސްދާނުލައިފިއެވެ.
މަރްޙޫމް ފަސްދާނުލާފައި ވަނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
ސެއިޚްގެ ކުރެވުނު ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ.
ސެއިޚް ފަސްދާނުލުމަށްފަހު ސެއިޚްގެ ކޮއްކޮ ސެއިޚް ޒައިދު ވަނީ ބޭބެއަށްޓަކައި ހެޔޮ ދުޢާ ކުރުމަށް އެދިވަޑައިގެންފައެވެ.
ސެއިޚްގެ ޖަނާޒާއިން ފެށިގެން ފަސްދާނުލުމާއި ހަމައަށް ޚިދުމަތް ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާފައެވެ.
ސެއިޚް ފަރީދުގެ މައްޗަށް އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ކަށުނަމާދު ކުރާނެކަމަށް ސަރުކާރުން ވަނީ ޢިއުލާންކޮށްފައެވެ.
ސެއިޚް އަވަހާރަވީ މިދިޔަ ހޯމަ ދުވަހު (9 ޖޫން 2025) މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ.
އަލްމަރްހޫމް ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޚިދުމަތް ޖަމިއްޔާއިން ވަނީ ނިންމާފައެވެ. މި މިސްކިތް ބިނާ ކުރުމަށް ނިންމާފައި ވަނީ ބަންގްލަދޭޝްގައެވެ. ޚިދުމަތް ޖަމިއްޔާއިން ބުނިގޮތުގައި މި މިސްކިތް އަޅަން ނިންމާފައި ވަނީ 250 ސްކައެއަރ މީޓަރގެ ބިމެއްގައެވެ. 455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
މިކަމުގައި ބައިވެރިވާން އެދޭ މީހުން އެ ޖަމިއްޔާގެ 7770000141496 އެކައުންޓަށް ފައިސާގެ އެހީ ޖަމާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މަރްޙޫމް ސެއިޚް ފަރީދަކީ ގިނަ ބަޔަކަށް ހެޔޮ މަގު ދައްކަވައި، އިސްލާމް ދީން އުނގަންނަވައި ދެއްވި އެތައް ބަޔެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ސެއިޚް ވަކިވުމުގެ ހިތާމަ މުޅި ދިވެހި ޤައުމު ދަނީ ކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ