ފެނަކަ ކޯޕަރޭޝަނުގެ 2022 އަދި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ނުނިމޭތީ ބޭރުގެ އެހީ ދޭ ޖަމާއަތަކާ ގުޅިގެން ކުރިއަށް ގެންދަން އޮތް މަޝްރޫއެެއް މަޑުޖެހުމުގެ ކަންބޮޑުވުން އެންވަޔަރަމެންޓު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ އޮޑިޓު ރިޕޯޓުތައް ނުނިމި އޮތުމުން ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ސަރުކާރުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކަށް ބުރޫ އަރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެންވަޔަރަމެންޓު މިނިސްޓްރީން ފެނަކައަށް ފޮނުވާފައިވާ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ކޮޕީ ކޮށްފަ އެވެ.
ތަފްސީލް - އެ ސިޓީގެ މައްސަލަ މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ކޮމެޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ފެނަކައާ ގުޅުން ހުރި ގިނަ މައްސަލަތަކުގެ ވާހަކަ ކޮމެޓީގައި ދައްކާފައިވާ ކަމަށެވެ. އެ މައްސަލައިގެ ކުރިން ވެސް މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ފެނަކައިގެ އޮޑިޓުތައް ނުނިމޭތީ ކަންބޮޑުވުން ފާޅުކުރައްވަައިފަ އެވެ.
"އޮޑިޓުތައް ނުނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އިދާރާތަކުން ލިބެންޖެހޭ އެހީތައް ލިބުން ހުއްޓުމަކަށް އަންނަ ހިސާބުގައި މި އޮތީ،" ސަލީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ "މުޅި ދައުލަތް ނެރެގެން ވެސް ފެނަކަ އޮޑިޓު ކުރެވޭތޯ ބަލަން ވެއްޖެ" ކަމަށެވެ.
މި ސަރުކާރަށް ދެ އަހަރު ވާން ކައިރިވެފައިވާއިރު ވެސް ފެނަކަ އޮޑިޓު ނުކުރެވި އޮތުމުން ގަފޫރު ވަނީ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ކުންފުނީގެ އޮޑިޓުތައް ލަސްވާ މައްސަލާގައި ކަންހިނގާ ގޮތް ސާފު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި، އޮޑިޓު އޮފީހުގެ މަސައްކަތްތަކާ ގުޅޭ މައްސަލައަކަށް ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކައިގެ އޮޑިޓު ނުނިމޭތީ، ވޯލްޑް ބެންކުގެ އެހީގައި ގއ. އަދި ގދ.ގައި ހިންގާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ފެނަކައިގެ އޮޑިޓު ލަސްވާ މައްސަލާގައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، ފެނަކައިގެ ލިޔެކިޔުންތައް ނައްތާލައި ފޮރުވާފައިވާ ކަމަށެވެ.
"މިވާ ގޮތަކީ ކުރީގައި މި ކަންކަން ނިންމާފައި ހުރި ގޮތަކީ މިތަނުގައި މި ޑޮކިޔުމެންޓުތައް ވެސް ނެތީ. އެ ހުރިހާ އެއްޗެއް ނައްތާލާފައި، ހުރިހާ އެއްޗެއް ފޮރުވާފައި، ދެންހުރި އެއްޗެއް ކޮށާލާފައި ދެން ހުރި އެއްޗެއް ހިފައިގެން ގެއަށް ގޮސް މި ތިބީ. އެ ތަނުގައި ނެތީ ޑޮކިޔުމެންޓު،" އޭނާ ވިދާޅުވި އެވެ.
އޮޑިޓު ނުނިމިގެން އުޅެނީ ފެނަކަ އިން އެއްބާރުލުން ނުދޭތީ ނޫން ކަމަށާއި ކުރީ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ނެތިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.
މެންބަރު ގަފޫރު ވިދާޅުވީ ލިޔެކިޔުންތައް ނެތް މުއާމަލާތަކީ 'ވަގު' މުއާމަލާތްތައް ކަމަށް ބަލައި އޮޑިޓު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
"ހަމަ ނުކުރަންވެގެން، ބޮލަށް ކެނޑުމުގެ ބަހަނާ ދައްކައިގެން ތިބޭކަށް ނުޖެހޭނެ އެއްވެސް ބަޔަކު. އެއީ އެކަން ކުރަމުން އަންނަ އުސޫލު ދުނިޔޭގައި ވެސް މި ގައުމުގައި ވެސް،" ގަފޫރު ވިދާޅުވި އެވެ.
ފެނަކައިގެ އޮޑިޓު ނުނިމޭތީ މަޝްރޫއެއް މަޑުޖެހިފައި އޮތުމުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ