މޫސުން ގޯސްވެ، 3 ގަޑިއިރުގެ ދަތުރު 32 ގަޑިއިރަށް

މަތިންދާބޯޓުގައި ދަތުރުކުރުމަށް ގިނަ ބަޔަކު ޚިޔާރުކުރަނީ އެކަމުގައި ލުއި ފަސޭހަތަކެއް ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް، ބައެއްފަހަރު ދިމާވާ ހާލަތުގެ ސަބަބުން މަތިންދާ ބޯޓުގައި ކުރާ ދަތުރުތަކަކީ ގިނަ ބައެއްގެ ބޮލުގައި ރިއްސާ ތަންކޮޅެއް އުނދަގޫ ތަޖުރިބާއަކަށް ވެސްވެއެވެ. ދާދި ފަހުން ޒިއުރިކްގެ ސުވިޒަލޭންޑުން ގްރީސްގެ ކްރީޓްގައި އޮންނަ ހެރާކްލީންއަށް ދަތުރުކުރި ކޮންޑޯ މަތިންދާ ބޯޓުގައި ތިބި 137 ފަސިންޖަރުންނަށް ވެސް ތަޖުރިބާކުރަންޖެހުނީ މީގެކުރިން ދުވަހަކުވެސް ކުރި ކަހަލަ ކަންކަމެއް ނޫނެވެ. އެންމެ ތިން ގަޑިއިރުގެ ދަތުރެއް 32 ގަޑިއިރަށް ބަދަލުވިއިރު މޫސުމް ގޯސްވުމުގެ ސަބަބުން ބޯޓުގައި ތިބި ފަސިންޖަރުންނަށް އަނބުރާ އަންނަން ޖެހުނީ ވެސް އެ މީހުން ފުރަންދިޔަ ސުވިޒަލޭންޑުގެ އެއާޕޯޓަށެވެ. ޒިއުރިކް އެއާޕޯޓުގައި ފަސިންޖަރުންތަކެއް ހަރަކާތްތެރިވަނީ--ފޮޓޯ/ޕީޕްލް އެނބުރި ޒިއުރިކްއަށް ދަތުރުކުރުމުގެ ކުރިން ބޯޓަށް ތެޔޮ އެޅުމުގެ ބޭނުމުގައި ގްރީކްގެ ވެރިކަން ކުރާ ސްޓޭޓް އެތެންސްއަށް ކޮންޑޯގެ މަތިންދާ ބޯޓު ބަނދަރުކުރިއެވެ. އޭގެ ފަހުން ވެސް ދެ ގަޑިއިރު ވަންދެން ގްރީސްގެ ހެރާކްލީންގައި ބަނދަރުކުރުމަށް ބޯޓުގެ ޕައިލެޓުން މަސައްކަތްކުރިއެވެ. ނަމަވެސް، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެކަންވީ ނާކާމިޔާބެވެ. އޭގެ ފަހުން އަނެއްކާ ވެސް ގްރީކް ކައިރީގައި އޮންނަ ކޮސް ކިޔާ ރަށެއްގައި ބޯޓު ޖެއްސުމަށް ފަހު އަނެއްކާ ވެސް ބޯޓަށް ބޭނުންވާ ތެޔޮ އަޅައިގެން ދޮޅު ގަޑިއިރުވަންދެން އެ ފްލައިޓް ވަނީ ފަސިންޖަރުންނާ އެކު މަތީގައި ދުއްވާފައެވެ. ނަމަވެސް، ހެރާކްލީންގެ އެއާޕޯޓުގައި ޖެއްސުމުގައި ދިމާވި ދަތިތަކާ ހެދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ބޯޓުގެ ކްރޫއިން އެންގީ ގްރީސްގައި ދެވަނައަށް އެންމެ ބޮޑު ސިޓީ ތެސަލުނީކީގައި އެރޭ މަޑުކުރުމަށެވެ. މަތިންދާ ބޯޓުގައި ފަސިންޖަރުންތަކެއް ފުރަން ތައްޔާރުވެފައި--ފޮޓޯ/ޕީޕްލް އޭގެ އަނެއް ދުވަހު ފަސިންޖަރުންގެ އަސްލު މަންޒިލް ކަމަށްވާ ހެރާކްލިންއަށް ދިއުމަށް ދަތުރު ފެށި ނަމަވެސް އެ ހިސާބުގައި ވައިގަދަވުމުގެ ސަބަބުން ނިންމީ އެނބުރި ޒިއުރިކަށް ދިއުމަށެވެ. މުޅި އެކު 32 ގަޑިއިރު މަތިންދާބޯޓުގައި ހޭދަކުރި އިރު ފަސް ފަހަރު މަތިން ގްރީސްގެ އެކި ސިޓީ ތަކުގެ އެއާޕޯޓުތަކުގައި ކޮންޑޯގެ މި މަތިންދާބޯޓު ވަނީ ޖައްސާފައެވެ. ފަސިންޖަރުންނަށް ލިބުނު ވަރުބަލިކަމާ އެކު މި ދަތުރުތަކުގައި އެއާލައިންގެ ފަރާތުން ފަސިންޖަރުންނަށް ދިނީ ހަމައެކަނި ފެން ތައްޓެއް ކަމަށާއި ދަތުރުމަތީ ވަރަށް ގިނަ ފަސިންޖަރުންގެ ހާލަތު ގޯސްވެ ހޮޑުލާފައިވާ ކަމަށް ނިއުޔޯކް ޕޯސްޓުގައި ވަނީ ބުނެފައެވެ. ނަމަވެސް، ކޮންޑޯ އެއާލައިނުން ވަނީ އެކަން ދޮގުކޮށްފައެވެ. ޕީޕަލް މެގަޒިންގައި ބުނެފައިވާ ގޮތުން ކޮންޑޯ އެއާލައިނުން ވަނީ އެ މަތިންދާ ބޯޓުގައި ދަތުރުކުރި ފަސިންޖަރުންނަށް އެކި ވައްތަރުގެ ޖޫސްތައް ދީފައެވެ. މީގެ އިތުރުން ފަސިންޖަރުންގެ ތެރެއިން ހޮޓަލުގައި ރޭކުރި މީހުންގެ ޚަރަދު ވެސް ދީފައި ވަނީ ކޮންޑޯއިންނެވެ. އެކަމާ ގުޅިގެން އެއްވެސް ކަހަލަ ޝަކުވާއެއް އޮތް ފަރާތެއްވާނަމަ ރީފަންޑުގެ ގޮތުގައި ފައިސާ ދޫކުރަން ކޮންޑޯއިން ނިންމާފައިވާ ކަމަށް ވެސް ޕީޕަލް މެގަޒިންގެ ޚަބަރުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ