މެޓާގެ އައު އޭއައި މޮޑެލް ލާމާ 4 ތައާރަފުކޮށްފި

މެޓާ ޕްލެޓްފޯމްސްގެ އެންމެ ފަހުގެ ލާޖް ލޭންގުއޭޖް މޮޑެލް ކަމަށްވާ ލާމާ 4 ސްކައުޓް އަދި ލާމާ 4 މެވެރިކް އިއްޔެ ތަޢާރަފުކޮށްފިއެވެ. މެޓާއިން ބުނެފައިވާ ގޮތުގައި ލާމާއަކީ މަލްޓިމޯޑަލް އޭއައި ސިސްޓަމެކެވެ. މަލްޓިމޯޑަލް ސިސްޓަމްތަކަކީ ޓެކްސްޓް، ވީޑިއޯ، ފޮޓޯ އަދި އޯޑިއޯ ފަދަ އެކި ބާވަތުގެ ޑޭޓާ ޕްރޮސެސްކޮށް އެއްކޮށްލުމުގެ ގާބިލުކަން ލިބިފައިވާ، އަދި މި ބާވަތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވޭ ސިސްޓަމްތަކެކެވެ. މެޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމާ 4 ސްކައުޓް އަދި ލާމާ 4 މެވެރިކްއަކީ "އެންމެ ފުރިހަމަ މޮޑެލްތައް" ކަމަށާއި "މަލްޓިމޯޑަލިޓީގެ ދާއިރާގައި އެންމެ ރަނގަޅު" މޮޑެލްތައް ކަމަށެވެ. އަދި މި މޮޑެލްތަކަކީ އޯޕަން ސޯސް ސޮފްޓްވެއާއެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން މެޓާއިން ވަނީ ލާމާ 4 ބެހެމޮތު ވެސް ތަޢާރަފުކޮށްފައެވެ. މި މޮޑެލްއަކީ "ދުނިޔޭގެ އެންމެ ވިސްނުންތެރި ލޭންގްއޭޖް މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލް" ކަމަށާއި އެއީ "އެންމެ ބާރުގަދަ މޮޑެލް" ކަމަށް ވެސް މެޓާއިން ބުނެފައިވެއެވެ. އަދި މި މޮޑެލްގެ ބޭނުމަކީ އައު މޮޑެލްތަކަށް އުނގަންނައިދިނުން ކަމަށްވެސް ބުނެފައިވެއެވެ. އޯޕަންއޭއައިގެ ޗެޓްޖީޕީޓީގެ ކާމިޔާބީއާ ގުޅިގެން، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ފަށާފައެވެ. ޗެޓްޖީޕީޓީގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސް، މެޝިން ލާނިންގެ ދާއިރާއަށް އިންވެސްޓްމަންޓް އިތުރުވެފައިވެއެވެ. ދި އިންފޮމޭޝަންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މެޓާއިން ލާމާ 4 ތަޢާރަފުކުރުން ލަސްކޮށްފައިވަނީ، މި މޮޑެލް ތައްޔާރުކުރުމުގައި ޓެކްނިކަލް ބެންޗްމާކްތަކުގައި، ޚާއްޞަކޮށް ވިސްނުމާއި ހިސާބު ކުރުމުގެ މަސައްކަތްތަކުގައި، މެޓާގެ އުންމީދުތައް ފުރިހަމަ ނުވުމުގެ ސަބަބުންނެވެ. އަދި އިންސާނުންނާ އެއްފަދައިން އަޑުން ވާހަކަދެއްކުމުގެ ގާބިލުކަން އޯޕަންއޭއައިގެ މޮޑެލްތަކާ އަޅައިބަލާއިރު ދަށްވުމުން އެ ކުންފުނިން ކަންބޮޑުވެފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ