އެމެރިކާއިން ގާޒާ ހިފާނެ ކަމަށް ޓްރަމްޕު ބުނުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެމެރިކާއިން ގާޒާ ހިފާނެ ކަމަށް ޓްރަމްޕު ބުނުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އެމެރިކާއިން ގާޒާ ހިފާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމުން އެކަން ދިވެހިރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ޓްރަމްޕް މިދިޔަ ހަފުތާގައި ބުނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުން ނިމުމުން، އިޒްރޭލުން ގާޒާ ހަވާލު ކުރާނީ އެމެރިކާއާ ކަމަށެވެ. އެމެރިކާއިން ގާޒާއަށް ވެރިވެގަންނާނެ ކަމަށް ދެ ފަހަރެއްގެ މަތިން މިހާރު ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު އަދި އިޒްރޭލުގެ ވެސް ނަން ނުހިމަނައި ފޮރިން މިނިސްޓްރީއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގާޒާގެ ރައްޔިތުންގެ އެ ސަރަހައްދު ދޫކޮށް ދާންޖެހޭ ގޮތަށް ރާވަމުންދާ ޕޮލިސީތައް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށެވެ.
"ސަރަހައްދީ އަމަން ގާއިމްވުމަށް ހުރަސް އެޅޭނެ ހުރިހާ އަމަލުތައް އަދި އަމަނަށް ހުރަސް އެޅޭނެ ސިޔާސަތުތަކާ ރާއްޖެއިން ދެކޮޅު ހަދަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާޒާގައި ދެ މިލިއަނަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެ އެވެ. ޓްރަމްޕު އެންމެ ފުރަތަމަ ބުނީ ގާޒާ އެއްކޮށް ހުސްކޮށް، އެތަން އަލުން އެމެރިކާއިން އާރާސްތު ކުރާނީ ކަމަށެވެ. ފަހުން ބުނީ ގާޒާ އާރާސްތު ކުރުމަށްފަހު ފަލަސްތީނުގެ ރައްޔިތުން ގާޒާއަށް އަނބުރާ ގެންދާނެ ކަމަށެވެ.
ގާޒާ ހުސްކޮށް އެތަނަށް އެމެރިކާއިން ވެރިވެގަންނަން އުޅޭ މައްސަލަ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް އަރަބި ބައެއް ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ހިންގަން ފެށި ނަސްލުހޭދު ކުރުމުގައި ފަލަސްތީނުގެ 48،181 މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި 111،683 މީހަކު ވަނީ ޒަހަމުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ