ކައުންސިލްތަކުގެ ބްލޮކް ގްރާންޓް މޮނިޓާކުރަން ފިނޭންސް މިނިސްޓްރީއަށް ދައުރެއް ދެނީ

ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޫކުރާ 'ބްލޮކް ގްރާންޓް' ބޭނުންކުރާ ގޮތް މޮނިޓާކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓްގެ ފައިސާ 'ބޭކާރު' ގޮތުގައި ހޭދަކުރާ ކަމަށް ވިދާޅުވެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ރައީސް ވާހަކަ ދެއްކެވި އެވެ.
ބުނީ ކީކޭ؟ - ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ސަރުކާރުން ގެނެސްދޭ މި ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޮޑްގައި ރައީސް ވިދާޅުވީ އެ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ބަލާނެ ނިޒާމެއް ގާއިމުކުރާނީ ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ކަމަށެވެ.
"[ސަރުކާރުން ނިންމީ] ކައުންސިލްތަކަށް ލިބޭ ފައިސާ ހޭދަކުރާ ގޮތް، ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތް ވެސް ރައްޔިތުންނަށް އެންމެ ފައިދާކުރާ ގޮތަށްތޯ ހޭދަކުރަނީ ބެލޭނެ ނިޒާމެއް ވެސް ގެންނަން، ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ފައިސާ ނަހަމަ ގޮތުގައި ވެސް ބައެއް ކައުންސިލްތަކުން ބޭނުންކުރާ ކަމަށެވެ. ހާއްސަކޮށް ކުރަން ނުޖެހޭ ދަތުރުތައް ބޭރު ގައުމުތަކަށް ކުރާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ހަދާ ގޮތަކީ ބްލޮކް ގްރާންޓް ނަގައިގެން މި ދަނީ ތަޖުރިބާ ދަތުރު ކިޔާފައި ބެންގްކޮކާއި އަނެއް ތަނަށް މުޅި ކައުންސިލް އޮތް ގޮތަށް. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އޭގެއިން ކުރަނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާފައިވާ، ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބްލޮކް ގްރާންޓްގެ ފައިސާ ހަރަދުނުކުރުމުގެ ވިސްނުމެއް ވެސް ބައެއް ކައުންސިލްތަކުން ގެންގުޅޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކައުންސިލްތަކުގެ ޒިންމާތައް އާދަނުކޮށް، ދައުރު ނިމެންދެން ކައުންސިލްތަކުގެ ބަޖެޓުގައި އެ ފައިސާ ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބްލޮކް ގްރާންޓް މިިއީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮންނަ ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށް ބައިވަރު ޒިންމާތައް ހުންނާނެ. ކޮންމެ ކައުންސިލަކަށް އެކައުުންޓެއް ހަދައި އެއަށް ފައިސާ މި ލައި ދެނީ ހަރަދުކުރަން، ގާނޫނުގައި މި ބުނާ ޒިންމާތަކާއި ކަންތައްތައް ކުރަން،" ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ލޯކަލް ކައުންސިލްތަކުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނައުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ރައީސް މިއަދު ފާހަގަކުރެއްވި ބައެއް ބަދަލުތަކަކީ:
އަތޮޅު ކައުންސިލްތައް އުވާލުން
2000އަށް ވުރެ ބޮޑު އާބާދީތަކުގެ ރަށްރަށަށް ފަސް ކައުންސިލަރުން، އެއަށްވުރެ ކުޑަ އާބާދީތަކުގެ ރަށްރަށަށް ތިން ކައުންސިލަރުން
ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް މިހާރު ހުރި އަދަދުގައި ހިފެހެއްޓުން
މިހާރު އަންހެނުންނަށް ހާއްސަކޮށްފައިވަނީ ކައުންސިލްތަކުގެ %33 ގޮނޑި، އެ ނިސްބަތް %40 އަށް އިތުރުކުރަން ވަނީ ނިންމާފައި
ރަށްރަށާއި ސިޓީތަކުގައި އޮންނަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ މަގާމަކަށް ބަދަލުކުރުން
ގުޅުން ހުރި - ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ކުޑަކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުން ގެންގުޅެފައިވެ އެވެ. ފަހުން ގާނޫނު ބަދަލުކުރާ ގޮތަށް، މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެސް އެ ގޮތަށެވެ. އެ ގޮތުން:
 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ، އެއީ ބަޖެޓުގެ %2
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓުގެ %5 ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ހިމަނާފައިވޭ
ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ފަހުން ވަނީ ކޮންޓިންޖެންސީ ބަޖެޓުން އުނިކޮށްގެން ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް އުނިވާ ބައި ހަމަޖެއްސުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ