ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކި ކުރަން ކުރަމުންދާ މަސައްކަތްތައް މަޑުޖައްސައިލުމަށް އަވަށްޓެރި ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި އެވެ.
ނޭޕާލް ބާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ އެއް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ތަނބެއް ކަމަށާއި ފަނޑިޔާރުގެއަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވިގެން ނުވާނެ ކަމަށް ނޭޕާލް ބާ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ބާ ކައުންސިލުން މިކަމުގައި ނެރެފައިވާ ބަޔާނަށް އެ އެސޯސިއޭޝަނުން ވަނީ ފުރިހަމައަށް ތާއީދުކޮށްފަ އެވެ.
""ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،" ނޭޕާލުގެ ބާ އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް ނޭޕާލް ގެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ބާ ކައުންސިލުން ވަނީ މި މައްސަލާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.
ހަމަ މި ވާހަކަތަކާއި ކަންބޮޑުވުންތައް ހިއްސާކޮށް އިންޑިއާގެ ބާ އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
މި މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީ ވަކި ހިސާބަކުން ކުރިއަށްގެންދިޔައީ މަގުބޫލު ސަބަބެއް ނެތި ސިއްރުކޮށްގެންނެވެ. ކޮމިޓީ ސިއްރު ކުރަން ނިންމި ހިސާބުން ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފަ އެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފަ އެވެ. މާދަމާގެ ޖަލްސާގައި ދެ ރިޕޯޓަށް ބަހުސް ކުރަން އެޖެންޑާ ކޮށްފައިވާއިރު ޖޭއެސްސީން މައްސަލަ ބެލިއިރު އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ ގާނޫނު ހިލާފުވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ވެސް ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމުން ޖޭއެސްސީގެ ރިޕޯޓު ފާސް ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރަން މަސައްކަތް ކުރާތީ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް މަޑުޖައްސާލަން ނޭޕާލުގެ ބާ އެސޯސިއޭޝަނުން ވެސް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ