އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް

އަންނަ މަހު 3ގައު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް، އަހަރަކަށް ވުރެ ގިނަ ދުވަހު ނޫސްވެރިންނާ ބާއްދަލުނުކުރައްވާ ހުންނެވި ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އެކަން ހާމަކުރެއްވީ، ރައީސް އޮފީހުން ކޮންމެ ބުރާސްފަތި ދުވަހަކު ގެނެސްދޭ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލު - އަންނަ މަހު 3 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރައީސް ހާމަކުރެއްވި ގޮތުގައި، އެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް އެ މަނިކުފާނު މިހާރު ވަނީ ނިންމަވާފަ އެވެ.
"އެ ދުވަހަށް [މެއި 3އަކަށް] ނޫސްވެރިންނާއި މީޑިއާ[ތައް] ތައްޔާރުވުމަށް އަޅުގަނޑު ދައުވަތު ދެން. ބޭނުން ސުވާލުތަކަށް ތައްޔާރުވެލައްވާ، އަވަހަށް ލިޔުއްވަން ފައްޓަވަންވީ. ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަނިކުފާނަކީ އަބަދުވެސް "މައުލޫމާތު ދެއްވުމަށް އިސްކަން ދެއްވާ ބޭފުޅެ"ކެވެ. ކުރިން އަދާކުރެއްވި ވަޒީފާތަކުގައި ވެސް އެކަން އެގޮތަށް ކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން، ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"ވަރަށް ގިނަ ވަގުތު ކޮންމެ ދުވަހަކުހެން އަޅުގަނޑު އިސްކަން ދެނީ މަސައްކަތަށް، ނަތީޖާ ނެރުމަށް. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް އަޅުގަނޑުގެ ހުރިހާ ފޯކަސްއަކީ ނަތީޖާއޭ. ކުރީގައި ވެސް، މިހާރު ވެސް،" ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ:
ކުރިއަށް އޮތް ދުވަސްތަކުގައި "ޒުވާން ޖެންޒީ ކެޓަގަރީގެ'' އުމުރުފުރާއަށް ހާއްސަކޮށްގެން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ގަސްތުކުރާ ކަމަށް
ޓީވީ ސްޓޭޝަނަކުން ދައުވަަތު ދީފި ނަމަ، އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން ވަޑައިގަންނަވާނަން
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒު 17 ނޮވެމްބަރު 2023ގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިދިޔަ އެއް އަހަރާއި ފަސް މަސްދުވަސް ތެރޭ ރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ތިން ފަހަރު އެވެ. އެއީ:
3 ޑިސެމްބަރު 2023: ތުރުކީ އާއި ކޮޕް28 ސަމިޓުން އެނބުރި ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
5 ޑިސެމްބަރު 2023: ކެބިނެޓްގެ ބައެއް ނިންމުންތައް ހާމަ ކުރުމަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުން
13 ޖެނުއަރީ 2024: ޗައިނާ ދަތުރުފުޅަށް ފަހު އެއާޕޯޓުގައި ބޭއްވެވި ބައްދަލުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ