ބައެއް ފަހަރަށް ދެތިން ބަހެއް އަމުނާލައިފައިވާ ޖުމްލައަކުން އެ މީހަކު ތަހައްމަލު ކުރަމުންދާ ފުން އިހުސާސުތަކެއް ބަޔާން ކުރަން ދަތި ވެދާނެ އެވެ. އާޓް އަކީ މި ކަހަލަ ފުން އަދި ފަސޭހައިން ބަޔާން ކުރަން ދަތި އިހުސާސުތައް ދޭހަ ކުރަން އެންމެ އެކަށީގެންވާ ވަސީލަތޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ރާއްޖޭގެ ފުންނާބުއުސް ފައިން އާޓިސްޓު މަރިޔަމް ނައީމާ އުމަރު އަކީ މިކަން ވަރަށް ހިތްގައިމުކޮށް ދައްކުވައިދޭ ފަންނުވެރިއެކެވެ.
ފައިން އާޓިސްޓުންނަށް ހާއްސަ ގެލެރީ 350ގައި މަރިޔަމްގެ އަމިއްލަ މައުރަޒު 'އިނާޝިއާ' މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހުޅުވައިފަ އެވެ. އޭނާގެ ކުރެހުންތަކުގެ އިތުރުން އިންސްޓޮލޭޝަންއެއް މި މައުރަޒުގައި ހިމެނެ އެވެ.
'އިނާޝިއާ' އަކީ ބޭރުފުށުގެ ބާރަކުން ހާލަތެއް ބަދަލުކޮށްގެން މެނުވީ، ކަމެއް އެ ވަގުތަކު އޮތް ހާލަތެއްގައި އޮތުމެވެ. އިނާޝިއާއެއް ތެރޭގައި އުޅޭ އިރު މީހަކު ކުރިމަތިލާން ޖެހޭ ތަފާތު ކަންކަމާއި އިހުސާސްތައް މި މައުރަޒުން ދޭހަކޮށްދޭން މަރިޔަމް ބޭނުންވި އެވެ. އޭނާ އެދެނީ ބެލުންތެރިންނަށް މިއިން ދޭހަވާ ކަންކަމާ މެދު ފުންކޮށް ވިސްނާލުމަށެވެ.
މަރިޔަމް ބުނިގޮތުގައި އިންސާނުންގެ އިހުތިޔާރުތަކާއި އަމަލުތައް ކުރިއަށްދަނީ، އަމިއްލަ ދިރިއުޅުމާއި އިޖްތިމާއީ އޮނިގަނޑުތަކުގެ ތެރެއިން، އަމިއްލަވަންތަކަމުގެ އިހުސާސު ނުވަތަ އެކަހެރިކަމުގެ އިހުސާސު ބައްޓަންކުރާ، އެނގުމާއި ނޭނގުމުގެ ދާއިމީ ވަށްބުރެއްގެ ތެރޭގަ އެވެ. އެ މީހެއްގެ މާހައުލަށް އަންނަ ކުދިކުދި ބަދަލުތައް ކަމުގައިވިޔަސް، ނުވަތަ އެއަށްވުރެ ބޮޑެތި، ޖަމާއީ މައްސަލަތައް ކަމަށް ވިޔަސް، މި ވަށްބުރުގެ ސަބަބުން މީހުންގެ އިހުސާސުތަކާއި ވިސްނުމާއި ނުތަނަވަސްކަމަށް ނުފޫޒު ފޯރުވަ އެވެ.
ދިހަ ވަރަކަށް ކުރެހުން ހިމެނޭ މައުރަޒުގެ ކޮންމެ ކުރެހުމެއްގައި ވެސް ރަތް ކުލަ ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. ރަތް ކުލަ އަކީ މަރިޔަމް މިހާތަނަށް ދައްކާލި ކުރެހުންތަކުގައި އާއްމުކޮށް ބޭނުންކޮށްފައިވާ ކުލަ އެކެވެ.
"ރަތް ކުލަ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ޕްރައިމަލް އަދި ރޯ ކުލައެއް. ދެން އަޅުގަނޑަށް ފެންނަ ގޮތުގައި އިންސާނެއް ރަމްޒު ކޮށްދޭ ކުލަ އަކީ ވެސް ރަތް ކުލަ،" އޭނާ ކިޔައިދިނެވެ.
މައުރަޒު ބަލަން ފުރަތަމަ ވަންނަ އިރު ފެންނަނީ ގަދަ ރަތް ކުލަ އާއި ކަޅު ފަދަ ކުލަތައް އެކި ފަށަލަތަކަށް ޖައްސާފައިވާ ކުރެހުންތަކެއްގެ ތެރޭގައިވާ އިންސާނެއްގެ ހުދު ހަށިގަނޑެކެވެ. އަދި މައުރަޒުގެ އެތެރެއަށް ވަދެގެންދާ ވަރަކަށް މި ހަށިގަނޑުތަކާއި ކުލަ ބޭނުންކޮށްފައިވާ ވައްޓަފާޅި ބަދަލުވަމުން އާދެ އެވެ. މައުރަޒުގައިވާ ބޮޑު އިންސްޓޮލޭޝަންއެއް ކަމަށްވާ ރަތް ދޮރެއްގެ އޮނިގަނޑާ ހަމައަށް އައިސް އޭގެ ފަހުން ދެން ފެންނަ ކުރެހުންތައް އަނެއްކާވެސް ތަފާތުވެ އެވެ.
މިއީ ތަޖުރިބާކޮށްލައި އަމިއްލަ ނަފްސާ މެދު ވިސްނާލަން ގޮވާލާ މައުރަޒެކެވެ. 'އިނާޝިއާ' ގެލެރީ 350ގައި ކުރިއަށްދާނީ އަންނަ މަހު 6ގެ ނިޔަލަށެވެ.
ފައިން އާޓިސްޓް މަރިޔަމް އުމަރުގެ 'އިނާޝިއާ' އަމިއްލަ ނަފްސާއި އިހުސާސުތަކާ މެދު ފުންކޮށް ވިސްނާލަން ގޮވާލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ