ޖަރުމަންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖޫލިއަން ނަގެލްސްމަން އާއި ޖަރުމަން ފުޓްބޯޅަ ފެޑަރޭޝަނާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޖަރުމަންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވި ނަގެލްސްމަން ވަނީ 2024 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ޖަރުމަން ގެންގޮސްދީފަ އެވެ.
ޖަރުމަނުގެ ބުންޑެސްލީގާގެ ކްލަބް ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ނަގެލްސްމަން ވެގެން ގޮސްފައިވަނީ ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވި ދެވަނައަށް އެންމެ ޒުވާން ކޯޗަށެވެ. އޭނާ ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވިއިރު އުމުރަކީ 36 އަހަރެވެ.
ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ އެ މަގާމުގައި ދެމި ހުންނާނެ އެވެ. އަދި 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް ޖަރުމަނުގެ ކޯޗަކަށް ހުންނާނީ ނަގެލްސްމަން އެވެ.
ނަގެލްސްމަން ވަނީ ބަޔާން މިއުނިކާއި އެކު 22-2021 ވަނަ އަހަރުގެ ބުންޑެސްލީގާ އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. އަދި 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޖަރުމަން ސުޕަރ ކަޕްވެސް އޭނާ ވަނީ ބަޔާން މިއުނިކަށް ހޯދަދީފަ އެވެ.
ޖަރުމަން ކޯޗު ނަގެލްސްމަންގެ އެއްބަސްވުން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ