އެމެރިކާގެ އާޓެމިސް 2ގެ ފަޅުވެރިން މިހާތަނަށް ނެގި ފޮޓޯތަކުން މިއީ ވަރަށް ހާއްސަ ފޮޓޯއެކެވެ.
ހަތަރު އެސްޓްރޮނޯޓުން ހަނދު ހުރަސްކުރަމުން ހަނދުގެ އަޑިގުޑަން ބިން އަރާ ގޮތަށް ދުނިިޔެ ދައްކާފައި އެ އޮތީ މީގެ ކުރިން އިންސާނުންގެ ލޮލަށް ފެނުނު އެންގަލަކުންނެއް ނޫނެވެ.
މި ފޮޓޯގައި ކަޅުކޮށް އެ އޮތީ އެވަގުތު ރޭގަނޑު ވެފައިވާ ސަރަހައްދެވެ. ދެން އޮތް ބައިގައި ދުވާލުގެ އަލިކަމެވެ. މިއީ ހަނދަށް ފެންނަ އިރު 'ދުނިޔެ އޮއްސުމެ'ވެ.
ހަނދަށް އިންސާނުން ފޮނުވި އެޕޯލޯ މަޝްރޫއުގައި 1968ގައި އެސްޓްރޮނޯޓަކު ވަނީ 'ދުނިޔެ އެރުން' ފޮޓޯ ނަގައިފަ އެވެ. އެއީ ދުނިޔޭގައި އިރު އަރާ ގޮތަށް ހަނދުގެ ސަރަހައްދުގައި ތިބޭ ބަޔަކަށް ދުނިޔެ އަރާ ތަނެވެ.
ރީޑް ވައިޒްމަން، މިޝަން ކޮމާންޑަރު
ވިކްޓާ ގްލޯވާ
ކްރިސްޓީނާ ކޯޗް
ޖެރެމީ ހެންސަން (ކެނެޑާ ސްޕޭސް ސެންޓަރު)
މި އެސްޓްރޮނޯޓުން ވަނީ މީގެ ކުރިން އިންސާނުންނަށް ކުރެވިފައި ނުވާ އެތައް ކަމެއް ތާރީހުގައި ލިއެލައިފަ އެވެ.
ފުރަތަމަ ކަމަކަށް ހަނދުގެ ބިއްދޮށް ފަރާތަށް ދަތުރުކުރުމެވެ. މީގެ ކުރިން އިންސާނުން އެ ހިސާބަށް ދަތުރުކޮށްފައެއް ނުވެ އެވެ. އެއީ ދުނިޔޭގައި އަހަރެމެން ތިބޭ އިރު އަލިކޮށް ފެންނަ ހަނދުގެ އަނެއް ފަރާތެވެ.
ދެވަނަ ކަމަކީ ހަނދުގެ އެ ހިސާބަށް ގޮސް ދުނިޔެއަށް އެނބުރި އަންނަން ކުރާ ދަތުރުގައި އޮރަޔަން ދަތުރުކުރި ރާސްތާ އެވެ. އެއީ 252،756 މޭލު، (406،771ކިލޯމީޓަރު) އެވެ. މިހާ ދުރަށް މީގެ ކުރިން އިންސާނުން ދަތުރުކޮށްފައެއް ވެސް ނުވެ އެވެ.
ތިން ވަނަ ކަމަކީ ހަނދުގެ ބިއްދޮށުން ދަތުރުކުރި އިރު 40 މިނިޓް ވަންދެން ދުނިޔެއާ އެއްވެސް ގުޅުމެއް ނެތި، މުވާސަލާތް އެއްކޮށް ކެނޑުމެވެ. އެއީ އެމެރިކާގެ ހިއުސްޓަންގައި ހުރި ކޮންޓްރޯލް ސެންޓަރުގައި ތިބި މީހުންނާއި އޮރަޔަންގެ ފަޅުވެރިން ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތެކެވެ.
"އަހަރެމެންނަށް މި ފެނުނީ ދުވަހަކު ވެސް އިންސާނުންނަށް ފެނުނު މަންޒަރުތަކެއް ނޫން،" އަލުން މުވާސަލާތީ ގުޅުން އައުމާ އެކު ކޮމާންޑަރު ވައިޒްމަން ބުންޏެވެ.
"ނަން އިތުރުތަކެއް ނެތް،" ފެނުނު އެ މަންޒަރުތައް ސިފަކުރާނެ ބަސްތަކެއް ނެތް ކަމަށް އެއްބަސްވަމުން އުޅަނދުގެ ޕައިލެޓް ގްލޯވާ ބުންޏެވެ.
އެސްޓްރޮނޯޓުން މިހާރު ވަނީ ދުނިޔެއަށް މިސްރާބު ޖަހައިފަ އެވެ. ޕެސިފިކް ކަނޑަށް އުޅަނދު ވައްޓާލާނީ މި މަހު 10ގަ އެވެ.
މި ފަހަރުގެ ދަތުރުގައި ހަނދުގެ ބިމަށް އޮރަޔަން ޖައްސާފައެއް ނުވެ އެވެ. މިއީ އޮރަޔަންގެ ހާލަތު ދެނެގަތުމުގެ ދަތުރެކެވެ. އިންސާނުން ހަނދުގެ ބިމަށް ޖައްސާ ދަތުރު އޮންނާނީ، ހުރިހާ ކަމެއް ބަރާބަރަށް ދާ ނަމަ، 2028ގަ އެވެ.
ހަނދު ހުރަސްކުރަމުން ނެގި ދުނިޔޭގެ މި ފޮޓޯ ޗާލު، ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ