އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކާއި އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ 'ސީފުޑް ވޮޗް' ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި އެވެ.
ފާހަގަކުރެވޭ - މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ތަފްސީލް - ފިޝަރީޒް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖެއަށާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި:
މި ކުރިއެރުމާ އެކު، ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓް ކަމަށްވާ އުތުރު އެމެރިކާގެ މާކެޓަށް ވަނުމަށް ދިވެހި މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ
ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި މި ރޭޓިންގެ ސަބަބުން ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި ބައިނަލްއަގުވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރި ހޯދުމަށް މަގުފަހިވެގެންދާނެ
ސީފުޑް ވޮޗް އިން އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި
އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަހައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހުތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް"ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކޮށްފައި
މިއީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީއެއްކަން ފާހަގަކުރައްވައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސީފުޑް ވޮޗް އިން ވަކި ގައުމަކަށް ހާއްސަކޮށް ދޭ ރޭޓިންއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާކަމުގެ ހެއްކެއް ކަމަށެވެ.
އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ގުޅުންހުރި - ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް ކުރިންސުރެ ލިބިފައިވާ މެރިން ސްޓުވަޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓިފިކޭޝަން ވަނީ މިދިޔަ މަހު ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށް ވެސް ލިބިފަ އެވެ.
ރާއްޖޭގެ މަސްވެރިކަމަށް 'ސީފުޑް ވޮޗް'ގެ ހާއްސަ ރޭޓިންއެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ