މަގުމަތީ ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ ނިޔާވެއްޖެ

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ. އެއާއެކު އެމީހާ އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ