އަސާސީ މުދާ ހުސްނުވެ ހުންނަކަން ކަށަވަރުކުރަން 164 ބާވަތެއް ދަނީ މޮނިޓާ ކުރަމުން: ސައީދު

ސަރުކާރުން އަންނަނީ މާކެޓުގައި ވިއްކާ މުހިއްމު 164 ބާވަތެއްގެ މުދަލުގެ ސަޕްލައި އަދި އަގުތަކަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ސައީދު މިހެން ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.ސައީދު ވިދާޅުވީ، މި ހަނގުރާމަ ފެށި ދުވަހުން ފެށިގެން ރައީސް މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުން ކަމަށެވެ. ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވީއިރު، އަސާސީ ތަކެތީގެ ތާށިކަމެއް އައިސްފައިނުވުމަކީ، އެ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.ސައީދު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް މާކެޓުގައި މުދަލުގެ ސަޕްލައިގެ ހާލަތު ދެނެގަންނައިރު، މިހާރު ވެސް މި ވަގުތަށް އެންމެ ރަނގަޅު އެހެން މާކެޓުތައް ދެނެގަނެ، އެހެން ރޫޓުތަކުން މުދާ ގެނެވޭނެ ގޮތްތައް އަންނަނީ ހޯދަމުންނެވެ.މީގެ ހަފްތާއެއް ކުރިން ކްރައިސް ކޮމިޓީގައި ސައީދު ވަނީ އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން އާންމުކޮށް މިހާރު ގެންނަ މުދަލުގެ އިތުރުން، އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް ސީދާ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ