ފުވައްމުލަކަށް މިރޭ ކަރަންޓު ދެނީ އެކި ހިސާބުތަކަށް ގަޑި ބަހައިގެން

ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން މިރޭ އިރުއޮއްސި 6 އިން ދަންވަރު 12 ޖެހުމާ ހަމަޔަށް އެކި ވަގުތުތަކުގައި ފުވައްމުލަކުން ކަރަންޓު ކަނޑަމުން އެބަގެންދެ އެވެ.
ވީ ކިހިނެއް؟ - ވަކި ތާވަލަކަށް ބަހާލައިގެން ކަރަންޓު ކަނޑަން ނިންމާފައިވާކަން ފެނަކައިގެ ފުވައްމުލަކު ބްރާންޗުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ. ޖެންސެޓަށް ދިމާވި މައްްސަލަ ހައްލުކުރެވެންދެން އިރުއޮއްސި 6 އިން ދެންވަރު 12 އަށް ފުވައްމުލަކުގެ އެކި ހިސާބުތަކުން ކަރަންޓު ދޭނެ ގޮތުގެ ތާވަލެއް އެ ބްރާންޗުން ވަނީ ނެރެފަ އެވެ.
ތަފްސީލް - މި ތާވަލުގައި ވާގޮތުން 12 ޖެހުމާ ހަމަޔަށް ކޮންމެ ގަޑިއިރަކުން ވަކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާނެ އެވެ. ނަމަވެސް ލޯޑު މަތިނުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ނުކެނޑުމަކީ އެކަށީގެންވާ ކަމެއް ވެސް ބުންޏެވެ.
"ކަރަންޓު ކެނޑުމުން، ބޭނުންކުރައްވާ އިލެކްޓްރޯނިކް ތަކެތީގެ ސްވިޗު އޮފްކޮށްފައި ބެހެއްޓުމަކީ ރައްކާތެރި ކަމެއް ކަމަށް ދަންނަވަމެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދެމެވެ،" ފެނައިން ނެރުނު ނޯޓިސްގައިވެ އެވެ.
އެނގުން މުހިންމު - ދިރިއުޅޭ އާބާދީ 10،000އާ ގާތްކުރާ ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ ހަތް ޖެނެރޭޓަރު ސެޓުގެ ތެރެއިން އެއް ސެޓު ހަލާކުވެ، ކަރަންޓު އުފެއްދޭ މިންވަރު ވަނީ ދަށްވެފަ އެވެ. 
ހޫނު ދުވަސްވަރުތަކުގައި ކަރަންޓު ލޯޑު މަތިވެ، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެކި ފަހަރުމަތިން ރަށުން ކަރަންޓު ކަނޑަން ޖެހޭ ކަމަށް ފެނަކައިން މީގެ ކުރިން ބުނެފައިވެ އެވެ.
ރައީސް މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރުތެރޭ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވާގޮތުން، 1.2 މެގަވޮޓުގެ އިތުރު ޖެންސެޓަކަށް ވަނީ އޯޑަރު ދީފަ އެވެ.
އެ ޖެނެރޭޓަރު ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށާއި އެ އިތުރު ކެޕޭސިޓީ ގާއިމުވެގެން ދިއުމުން، ކަރަންޓުގެ މައްސަަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އޭރު ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ