އަބްދުއްރަހީމާ ރައީސް މުއިއްޒާ ދެމެދު އުފެދުނީ ބައިނޭޅުމުގެ މައްސަލައެއް: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އުފެދުނީ ބައިނޭޅުމުގެ މައްސަލައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތު ކުރައްވައިފިއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހީމް ފައިސަލް މަގާމުން ވަކިކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. ފައިސަލް މަގާމުން ވަކިކުރި ނަމަވެސް، އެކަމާ ގުޅޭ މާގިނަ މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މި ކަމާ ގުޅިގެން އަބްދުއްރަހީމްވަނީ، އެ މަނިކުފާނާއި ރައީސް މުއިއްޒާ ދެމެދު އޮތް ގުޅުން ރަނގަޅުނޫން ކަމަށް އެއްބަސްވެ ވަޑައިގެން، ފައިސަލްގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. https://sun.mv/201924 މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ލ. އަތޮޅުން ރަށްތަކެއް ވިއްކައިލި ކަމުގެ ތުހުމަތު ކުރައްވައިފައެވެ. މި ކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ޖެހިފައި އޮތީ ބައިނޭޅުމުގެ މައްސަލައެއް ކަމަށާއި، މި މައްސަލަ ޝަރީއަތަށް ނުދާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވަނީ މިހާރު މި މައްސަލަތައް ފުލުހަށް ވެސް ހުށަހަޅުއްވާފައި ކަމަށެވެ. "..ގަބޫލު ކުރައްވާ، މި ޝަރީއަތަކަށް ނުދާނެ. މި ފަހަރު އަބްދުއްރަހީމާ ފައިސަލްގެ ދަށްގޮހޮރުގައި އޮތް އެއްޗަށް ދަންދެން މުއިއްޒު އަތުލާނެ. ދިރުވާލާފައި ގޮހޮރުގެ އެންމެ އަޑީގައި އޮތް އެއްޗަށް ދަންދެން ހިފައި ނަގާނެ. މި އުޅެނީ ބައިނޭޅިގެން އުޅޭ މައްސަލަ ނޫންތޯ، ބައިނޭޅިގެން އުޅޭ މައްސަލަ މި އުޅެނީ" ޔާމީން ވިދާޅުވިއެވެެ. ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފައިވާކަން ރައީސް އޮފީހުން އަންގާރަ ދުވަހު އިއުލާން ކުރީ، މަޖިލިސް ޗުއްޓީގައި އޮތް މި ދުވަސްވަރު އަބްދުއްރަހީމް މެލޭޝިއާގައި ހުންނަވަނިކޮށެވެ. https://sun.mv/201944 އެ ރޭ 10:30ހާއިރު މެލޭޝިއާއިން އައިސް ޖެއްސި ފްލައިޓެއްގައި އަބްދުއްރަހީމްވަނީ ރާއްޖެ ވަޑައިގެންފައެވެ. އެ މަނިކުފާނާ ބައްދަލުކުރުމަށް ނޫސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ކައިރީގައި މަޑުކޮށްގެން ތިބި ނަމަވެސް، ބޯޓުން ފައިބައިވަޑައިގެންނެވި ގޮތަށް ކާރުކޮޅުގައި އެއާޕޯޓުން ވަޑައިގަތީއެވެ. ފައިސަލް މަގާމުން ވަކިކުރުމާއެކު ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ވަނީ އަބްދުއްރަހީމާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގުޅުން ގޯސްވެ، މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ދުރުކުރަން އުޅޭ ކަމަށް ޚަބަރު ފަތުރައިފައެވެ. އެ ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް "ސަން"އަށް ވިދާޅުވީ، އަބްދުއްރަހީމް ވަކިކުރަން ނޫޅޭ ކަމަށާއި އެ މަނިކުފާނު ހިމެނޭ ގޮތަށް ޕީޖީ އެއްކޮށް އޮތީ ރައީސާ އެއްކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ