ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 31) - ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް އިއްތިފާގުގެ ކޯޗުކަން ދޫކޮށްލައިފި އެވެ.
ޖެރާޑް، އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން، އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމީ އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު އެވެ. ޖެރާޑް، އަލް އިއްތިފާގުގެ ކޯޗަކަށް ހަމަޖެއްސީ 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ޖެރާޑް ވަނީ އަލް އިއްތިފާގާ އެކު ހަދާފައިވާ ކޮންޓްރެކްޓް، 2027ގެ ސީޒަނުގެ ނިޔަލަށް އާކޮށްފަ އެވެ. އެކަމަކު، އޭގެ އެއް އަހަރު ފަހުން، ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި ޓީމު ދޫކޮށްލުމާ ބެހޭގޮތުން ޖެރާޑް ބުނީ، ފުޓްބޯޅައިގައި ބައެއް ކަންކަން ބޭނުންވާ ގޮތަށް، ޓީމަށް ރަނގަޅަށް ނުދާނަމަ، ރަނގަޅަށް ވިސްނައި ބައެއް ނިންމުންތައް ނިންމަން ޖެހޭނެ ކަމަށެވެ.
މި ސީޒަނުގައި އަލް އިއްތިފާގުން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަސް މެޗުންނެވެ. އަލް އިއްތިފާގާއި ރެލިގޭޝަން ޒޯނާ ދެމެދު އޮތް ފަރަގަކީ ފަސް ޕޮއިންޓެވެ.
އަލް އިއްތިފާގުގެ ރައީސް، ސާމިރު އަލް މިސަހާލް ވަނީ ޖެރާޑް އެ ކްލަބަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ ކޯޗެއް އައިސް އަލް އިއްތިފާގާ ހަވާލުވެ މަސައްކަތް ފަށާއިރު، ޖުމްލަކޮށް އެ ކޯޗަކު ވެސް ޖެރާޑްގެ މަސައްކަތް ބަލައިގަންނާނެ ކަމަށެވެ.
ލިވަޕޫލް ޔޫތު ޓީމުތަކުގައި ވެސް ކޯޗުކަން ކުރި، ޖެރާޑް، ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށީ، 2018 ވަނަ އަހަރު ސްކޮޓްލެންޑްގެ ރޭންޖާސް އިންނެވެ. އެ ޓީމާ އެކު ސްކޮޓްލެންޑްގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޖެރާޑް، ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވެފަ އެވެ. އެ ޓީމުގެ ކޯޗުކަމުން، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަކިކުރި ޖެރާޑް އަލް އިއްތިފާގުގެ ކޯޗަކަށް ހުރީ އަަހަރަކު، 25 މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ.
ޖެރާޑް، އަލް އިއްތިފާގުގެ ކޯޗުކަން ދޫކޮށްލައިފި ޖެރާޑް، އަލް އިއްތިފާގުގެ ކޯޗުކަން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ