ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުސްތަގްބަލަށްޓަކައި ކުރަން ޖެހޭ ގައުމީ މަސައްކަތެއް: ސިޔާމް

ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުސްތަގްބަލަށްޓަކައި ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވަނީ، ދުވަހުގެ ހެެޔޮ އެދުމާއި ތަހުނިޔާ އެ ޕާޓީގެ ނަމުގަޔާއި އަމިއްލަ ނަންފުޅުގައި ކުޑަކުދިންނަށް ފޮނުއްވާފައެވެ. ކޮންމެ މުޖުތަމައުއެއްގައި ވެސް ކުޑަކުދިންނަކީ ވަރަށް މުހިންމު އިސްކަމެއް ދޭން ޖެހޭ ބައެއް ކަމަށާއި އެއީ މުސްތަގުބަލުގެ 'މޫނުބަލާ' ލޯގަނޑު ކަމަށް ސިޔާމް ވިދާޅުވިއެވެ. އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ތުއްތު ކުއްޖަކާއެކު --- ސަން ފޮޓޯ/ އަމަން ލަތީފް އެހެންވެ، ކުޑަކުދިން ރައްކާތެރިކަމާ އެއްކޮށް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުސްތަގްބަލަށްޓަކައި ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތުގެ ތެރެއިން ކުޑަކުދިން ބިނާކުރެވެން ޖެހޭނީ ދީނީ އަދި ގައުމީ ސިފަތަކުގެ މަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ޚިތާބުގައި ސިޔާމް ވަނީ، ކުޑަކުދިންނަށް މުޖުތަމައުގެ ތެރެއިން ކުރިމަތިވަމުންދާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިހާރަށް ވުރެ ސީރިއަސް ގޮތެއްގައި ބަލަން ޖެހޭ ކަން ފާހަގަކުރައްވައި، ސިޔާމް ވަނީ، އެފަދަ 'މުޑުދާރު' އަމަލުތައް ކުރަމުންދާ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދީގެން ވިޔަސް އެއަމަލު ހުއްޓުވުމަށް ގޮވާލައްވާފައެވެ. ކުޑަކުދިން ރައްކާތެރިކުރުމަށް އެދިފައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މިހާރު ކުރަން ޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ކުޑަކުދިން ރައްކާތެރިކަމާއެކު، ބަލަހައްޓައި، އިސްލާމްދީނުގެ ތަރުބަވީ އުސޫލުތަކުގެ ތެރޭގައި އެ ކުދިން ބަލައި ބޮޑުކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ. ކުޑަކުދިންނަކީ އިސްލާމްދީނަށް ލޯބިކުރާ އަޅުގަނޑުމެންގެ މާދަރީ ބަހާއި އަދަބުވެރި ސިފަތައް ފުރިހަމައަށް ހިފަހައްޓައި، ރިވެތި އަޚުލާގުގެ ތާހިރު ސިފަތަކުން ޒީނަތްތެރިވެފައިވާ ޝާމިލު ކުދިންތަކެއް ކަމުގައި ހެދުމަށް ފޫހިކަމެއް ނެތި ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން އޭގެއިތުރުން، ސިޔާމް ވަނީ އިސްރާއިލުން އަނިޔާވެރިކޮށް، ފަލަސްތީނުގެ ކުޑަކުދިން މަރާ ހުސްކުރަމުންދާ ދަނޑިވަޅެއްގައި ކުޑަކުދިންގެ ދުވަހާ ދިމާވުމުން ހިތްދަތި އިހުސާސްތަކެއް ކުރެވޭ ކަން ފާހަގަކުރައްވައި، އެ ލާއިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މެއި 10ގައެވެ. އެދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލަގަދަކޮށް، އެ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ