ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްއެންޕީ ޓިކެޓް އާރިފް އަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާނީ އެރަށު ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ކަމަށް ނިންމައިފިއެވެ.
އެ ޕާޓީގެ އިލެކްޝަނާއި ބެހޭ ކޮމެޓީޏް އާރިފަށް ޓިކެޓް ދިނުމަށް ނިންމީ، ގުރައިދޫ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެޕްލިކޭޝަނަަށް ހުޅުވައިލުމުން ސުންގަޑި ހަމަވިއިރު، ފޯމާއި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ އޭނާ އެކަނި ކަމަށްވާތީއެވެ.
އާރިފަކީ ގުރައިދޫ ސްކޫލުގައި ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ގުރައިދޫ ސްކޫލުގައި 23 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްވެ، ހުންނަވައި އުފައްދާފައިވާ އެމްއެންޕީ އަށް ނިސްބަތްވާ ތިން މެންބަރަކު މިހާރުވެސް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވަމުންނެވެ.
އެއީ ޕާޓީގެ ރައީސް ނާޒިމާއި ނައިބު ރައީސް ރިޔާޟު އަދި ނައިބު ރައީސް އުޝާމެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުހައި ހުންނެވި އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ