ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެ މަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަވެސް އެ މަނިކުފާނަށް މިރޭ ނާކާމިޔާބުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ނުދޭން ނިންމި ނިންމުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތައް ނިންމާލީ މި މަހުގެ އަށްވަނަ ދުވަހު އެވެ.
އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައިވަނީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމަށް ވާސިލުވުމުގައި ހުރި ބައެއް ސަބަބުތައް ބާތިލު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭނެ ކަމަށެވެ.
ސަބަބެއް ކަމަށް ހުކުމުގައި ބުނެފައިވަނީ، އެ ގާނޫނަކީ އެ މައްސަލަ ހިނގަން ފެށި ފަހުން އަމަލުކުރަން ފެށި ގާނޫނަކަށްވާތީ އާއި ފަހުން އަންނަ ގާނޫނުގެ އުސޫލުތައް ހިނގާނީ ކުށާއި އަދަބު ކަނޑައަޅާ ގާނޫނުތަކުގައި އެކަނި ކަމަށްވާތީ ކަމަށެވެ. އެހެންވެ، އަދީބާއި ޒިޔަތުގެ ހެކިބަހަށް ދެވޭނެ ބުރަދަނާ ގުޅޭ ގޮތުން ގޮތް ނިންމަން ޖެހޭނީ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތުގެ މަރުހަލާއިން ކަމަށް ހުކުމުގައިވެ އެވެ.
ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި، އަދީބާއި ޒިޔަތު ފިޔަވައި ދެން ތިބި ހެކިން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތް މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް އެ ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށެވެ
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ފުއްގިރި މައްސަލައިގެ އިސްތިއުނާފު: ސުޕްރީމް ކޯޓުންވެސް ޔާމީނަށް ކާމިޔާބެއް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ