ކުޅުދުއްފުށީ ހޮސްޕިޓާ ހިންގި އިންޑިއާ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން ދީފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ އެކު ސޮއިކުރި އެއްބަސްވުން އުވާލާ އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދިންކަން އޮޑިޓަރ ޖެނެރަލް (އޭޖީ) އޮފީހުގެ ރިޕޯޓަކުން ދައްކައިފިއެވެ.
އެންއައިއައިއާ ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 50 އަހަރަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރީ މި ސަރުކާރު އައިސް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އޭޖީ އޮފޯހުގެ ރިޕޯޓުގައިވާގޮތުން އެއްބަސްވުން އުވާލީ އެންއައިއައިއަށް އާސަންދަ އިން ލިބެންޖެހޭ ފައިސާއާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހޯދާފައިވާ އިކުއިޕްމަންޓް އާއި މެޝިނަރީގެ އަގުގެ ގޮތުގައި 19.9 މިލިއަން ރުފިޔާ މެޑިކަލް ކޮންސިއުމަބަލްސްއަށާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ އާއިއެކު ޖުމްލަ 29 މިލިއަން ރުފިޔާ އެކުންފުންޏަށް ދިނުމަށް ހެލްތު މިނިސްޓްރީ އާއިއެކު އެއްބަސްވުމަކަށް އައުމަށް ފަހުއެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައިއަށް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އެންއައިއައި އިން ކުޅުދުއްފުށި ހޮސްޕިޓަލް ހިންގި ދުވަސްވަރު އެކި ފަރާތްތަކުން 157 ބިލެއް ފޮނުވާފައިވާކަމަށާއި އެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.9 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީ އާއި އެންއައިއައި އާއި ދެމެދު ސޮއި ކުރި ސެޓްލްމެންޓް އެގްރިމެންޓްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް ނުދައްކާ ހުރި ފައިސާ އާއި މެދު ހަދާނެ ގޮތެއް ބަޔާންކޮށްފައި ނެތްކަމާއި އެހެންވެ އެއެއްބަސްވުމުގެ ސަބަބުން މުސްތަގުބަލުގައި ވެސް ދިވެހި ސަރުކާރުން ޒިންމާތަކެއް އުފުލަން ޖެހިދާނެކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން އޭޖީ އޮފީހުން ލަފާ ދީފައިވަނީ މުސްތަގުބަލުގައި ހަދާ މިފަދަ ސެޓްލްމެންޓް އެގްރިމެންޓްތަކުގައި، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުންނަ ފައިސާ ދެއްކުމުގައި ޒިންމާވާފަރާތް ބަޔާންކޮށް އެފަދަ ފައިސާ ދެއްކުމުގައި ޢަމަލުކުރާނެ ގޮތް ސާފުކޮށް އެގްރިމެންޓްތަކުގައި ބަޔާންކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ