ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ލިބިފައި، މައްސަލަ ކުރިއަށް ދާނެ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާކަމަށާއި އެ މައްސަލަ ކުރިއަށްދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.— People's Majlis (@mvpeoplesmajlis) June 8, 2023
ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާކަމަށްބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ.
މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.
ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހުގެ 54 މެމްބަރުންގެ ސޮއިވަނީ ހަމަކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުން ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެންބަރުން ތިއްބެވިއިރު ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވަނީ 44 މެންބަރުންގެ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ