ޝަރީއަތް މެދުކަނޑާލި ވަގުތު ޔާމީން ދިމާކޮށްލެއްވީ ދައުލަތުގެ ވަކީލުންނާ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި ކުރީގެ ރައީސް ޔާމީން މިއަދު ދައުލަތުގެ ވަކީލުންނާ ދިމާލަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ހައި ކޯޓުގައި މެންދުރު ފަހު 2:00 ގައި ފެށި ޝަރީއަތް އަސްރު ނަމާދު ވަގުތަށް މެދުކަނޑާލި ވަގުތު ޔާމީން ވަނީ ދައުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ހިތްޕުޅުހަމަނުޖެހި ވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ވަކީލުންނާ ދިމާލަށް ޔާމީން ވަނީ ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ޔާމީން ނުރުހުމާ އެކު ވާހަކަ ދެއްކެވި އެވެ. އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވި އެވެ.
މިއަދު ހައި ކޯޓުގައި އޮތް ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއީ އެ އޮފީހުގެ ވަކީލުންނަށް އާންމުކޮށް ދިމާވާ ކަމެއް ނޫން ކަމަށެވެ.
"މިއީ ފުރައްސާރަކުރުން. ދައުވާ ލިބޭ މީހުންނަށް އެނގޭ އެތަނަށް ދާ ދައުލަތުގެ ވަކީލުން އެ އަދާކުރައްވަނީ މަގާމުގެ ޒިންމާކަން. އެއީ އަމިއްލަ ހައިސިއްޔަތުން އެ ވަކީލުން ދައްކަވާ ވާހަކަ ނޫންކަން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިފަދަ ކަންކަން ހިންގުން ބަލައިނުގަނެވޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތް ލައިވްކޮށް ދެއްކި ނަމަވެސް ޔާމީން ދައުލަތުގެ ވަކީލުންގެ ކައިރިއަށް ވަޑައިގެން ރައްދު ދެއްވި ވަގުތު ލައިވް ކަނޑާލާފައި ހުރުމުން އެ މަންޒަރު ލައިވް ފީޑަކުން ނުފެނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ އާރަށް ލިބުނު ޓޫޖީ ކުންފުނީގެ އެއް ހިއްސާދާރު ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ވާހަކަ ދެއްކުން އެކަންޏެވެ. މިއަދު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅުމުގެ ކުރިން ވަގުތު ހަމަވެގެން ޝަރީއަތް މިއަދަށް ނިންމާލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ