މެމްބަރު އަލީ ހަމީދު ޖޭޕީން ވަކިވެ އެމްީޑޕީއަށް

ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީ އަށް  ސޮއިކުރައްވައިފިއެވެ.
އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ހާޒިރުގައި މުލިއާގޭގައެވެ. ނަމަވެސް އަލީ ހަމީދު ޖޭޕީ ދޫކޮށްލެއްވި ސަބަބެއް އޭނާ އަދި ވިދާޅެއް ނުވެ އެވެ.
އަލީ ހަމީދު ސޮއިކުރެއްވުމާއެކު، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އަށް އެރީއެވެ.
އަލީ ހަމީދު ޖޭޕީން ވަކިވެފައިވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލައްވަން އިއުލާން ކުރެއްވިފަހުން އެޕާޓީގެ އެކި މަޤާމުތަކުގައި ތިއްބެވި މެމްބަރުން ޖޭޕީން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.
ޖޭޕީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާ އެޕާޓިގެ ލީޑަރަށް ރިޔާސީ ޓިކެޓް ދޭން ނިންމާފައިވާ އިރު މިހާރު ސަރުކާރުގައި ތިބި އެޕާޓީގެ ގިނަ މެމްބަރުން ދަނީ ޖޭޕީން ވަކިވެ ރައީސް ސޯލިހަށް ތާއިދުކުރާނެކަން އިއުލާން ކުރަމުންނެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައި ޖުމްހޫރީ ޕާޓީ ދޫކޮށްލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ