އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް، އަލުން ބާއްވައިދިނުމަށް އަމުރު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފި އެވެ.
ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލަ އާއެކު އެ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސައިލުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ ގ. އީކުއޭޓާ/ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހެކެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދު ކުރެއްވި ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ހުށަހެޅި ނުކުތާތަކަކަށް ތާއީދުކޮށްފަ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތް ކަމަށް ކަމަށް ބުނި ނަމަވެސް، އިލެކްޝަންސްގެ ދަފުތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އޭރުވެސް އޭނާގެ ނަން އޮތްކަން އެނގެން އޮންނަ ކަމަށާއި އަދި އިލެކްޝަންސްގެ އެ އިދާރީ އުނިކަން ފިލުވައި އެކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތަކީ އެމްޑީޕީގެ މައްޗަށް އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިދޭ މީހެއް ނޫން ކަމަށް ހުކުމުގައިވެ އެވެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ހޯއްދަވައިގެންނެވެ. އެ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
އެ ނަތީޖާއަށްފަހު ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ތެރެއިން “ފިކުރެއްގެ ދިރުން” ނަމުގައި ވަކި ހަރަކާތެއް ހައްދަވައިގެން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ