ވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ބިލުން މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ: ޞާލިޙު
ވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން މިނިވަން ނޫސްވެރިކަން އެއްކޮށް ގެއްލޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރަށް އެއްބާރުލުން ދެއްވައި ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ. ނަމަވެސް، އެތައް ނޫސްވެރިންނަކާއި ޖަމިއްޔާތަކަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައިވަނިކޮށް، ހަންނާން ވަނީ އަނބުރާ އެ ބިލު ގެންދަވައިފައެވެ. ނަމަވެސް، އަނެއްކާ ވެސް މިވަނީ އެފަދަ ދެވަނަ ބިލެއް އިއްޔެ ހުށަހަޅުއްވައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު: ރައީސަށް ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް އެ ބިލާ ގުޅިގެން ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށެވެ. އެގޮތުން، އެ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ކަމަށް ވިދާޅުވެ، ޞާލިޙު ވަނީ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ. ހަންނާން ހުށަހެޅުއްވި ބިލުގައި ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނަށް އެކުލަވާލައި، އެ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރައްވާނީ ރައީސް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޮމިޝަންގެ ރައީސް ވެސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައިވެއެވެ. މީގެ އިތުރުން، ރެގިއުލޭޓަރީ ކޮމިޝަނުން އަންގާ ކަންތައްތަކާ ޚިލާފުވުމުން ފިޔަވަޅުތައް އެޅުމުގެ ބޮޑެތި ބާރުތައް ވެސް ދީފައިވެއެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ވެބްސައިޓް ބްލޮކްކުރުމާއި ރަޖިސްޓްރީ ބާތިލުކުރުމަށް މަގުފަހިކުރެވޭ މާއްދާތައް ވެސް ބިލުގައި ހިމަނައިފައިވެއެވެ. https://sun.mv/210148 އެ ބިލަށް ނޫސްވެރިންގެ ޖަމިއްޔާތަކާއި އިދިކޮޅުން ވެސް ފާޑުކިޔައި، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް ބިލެއް ކަމަށް ވަނީ ސިފަކޮށްފައެވެ. އެއީ މިނިވަން މެންބަރަކު ހުށަހެޅި ބިލެއް ނަމަވެސް، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ސަރުކާރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ